ވިޔަފާރި

ކޮންޓްރެކްޓް ނަހަދާވެސް އެގްރޯނެޓަށް ތަކެތި ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދެނީ


އެގްރޯނެޓާއެކު ދަނޑުވެރިކަން ކުރުމަށް ކޮންޓްރެކްޓް ފާމިން ހަދާފައިނުވާ ދަނޑުވެރިންނަށްވެސް އެ ކުންފުންޏަށް ތަކެތި ވިއްކޭނެ އިންތިޒާމްތަކެއް ވަރަށް އަވަހަށް ހަމަޖައްސަވައިދެއްވާނެ ކަމަށް އެގްރޯނެޓުން ވިދާޅުވެއްޖެއެވެ. އެގްރޯނެޓަށް ތަކެތި ވިއްކުމުގެ ފުރުސަތު މިހާރު އޮންނަނީ ހަމައެކަނި އެ ކުންފުންޏާއެކު ކޮންޓްރެކްޓް ފާމިންގ ހަދާފައިވާ ދަނޑުވެރިންނަށެވެ.

އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

އެގްރޯ ނެޓްގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން" މަޝްރޫއަކީ ދަނޑުވެރިންނާއިއެކު އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަތުމުގެ މަޝްރޫއެކެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންވެސް ދެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް ހަސަން އަފްސަލް ވިދާޅުވީ، ކޮންޓްރެކްޓް ފާމިންއަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރަމުންދާގޮތާއި ތަފާތު އުސޫލެއްކަމަށެވެ. އެގޮތުން މި މޮޑެލް ފެށިގެން އައިއިރު އެގްރޯނެޓަށްވެސް ދަނޑުވެރިން މިކަމަށް އަހުލުވެރި ކުރުވުމުގައާއި ދަނޑުވެރިން މިކަމަށް ޝައުގުވެރި ކުރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށެވެ. ނަމަވެސް ރަށްރަށައް ދަތުރުކޮށް ދަނޑުވެރިންނާއި ބައްދަލުކޮށް ކޮންޓްރެކްޓް ފާމިންއާއި ގުޅޭ މައުލޫމާތާއި އޭގެއިން ދަނޑުވެރިންނަށް ކުރާނެ ފައިދާއާއި ނަފާ ކިޔާދިނުމުގެ ސަބަބުން މިހާރު އޭގެ ނަތީޖާ ފެންނަމުންދާކަމަށާއި، ކޮންޓްރެކްޓް ފާމިންއާއި ގުޅެން ބޭނުންވާ ދަނޑުވެރިން މިހާރު އިތުރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

އަފްސަލް ވިދާޅުވީ، އެގްރޯނެޓުން ދަނޑުވެރިން ހައްދާ ތަކެތި ހަމައެކަނި ގަންނަނީ އެ ކުންފުންޏާއި ކޮންޓްރެކްޓް ހަދާފައިވާ ދަނޑުވެރިންގެ އަތުން އެކަނިކަމަށެވެ. ނަމަވެސް ކުންފުނީގެ ވިސްނުން ހުރީ ވަރަށް އަވަހަށް ރާއްޖޭގެ އެކި ސަރަހައްދުގައި އުޅޭ އެ ކުންފުންޏާއި ކޮންޓްރެކްޓް ނަހަދާ ދަނޑުވެރިންގެ އަތުންވެސް ތަކެތި ގަނެ މާކެޓްކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓްރެކްޓް ފާމިން ދަނޑުވެރިން ފިޔަވައި ދެންތިބި ދަނޑުވެރިންނަށްވެސް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން އަދި ކުންފުންޏާއިއެކު މަސައްކަތްކުރުމުގެ ފުރުސަތުތަކެއް ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެން މިހާރު އިތުރު މޮޑެލްއެއްގެ ގޮތުން މަސައްކަތްކުރަން ފަށަންވެގެން އެބައުޅެން ކޮންޓެރެކްޓް ނުހަދާ މީހުންނަށްވެސް ހަމަ އެގްރޯނެޓާއިއެކު ގުޅިގެން އެގްރޯނެޓަށް ތަކެތި ވިއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން. އޭގެ އިތުރުންވެސް އިތުރު މޮޑެލްތަކެއް އަޅުގަނޑުމެން އެކްސްޕްލޯ ކުރަމުން އެބަ ގެންދަން. އެގޮތުން ރަށްރަށުގެ ކައުންސިލާއި ރަށްރަށުގެ ދަނޑުވެރިންނާއި ގުޅިގެން އެގްރޯނެޓުން ރަށްރަށުން ބިން ނަގައިގެން އެބިންތައް ތަރައްޤީކޮށްފައި ކައުންސިލާއި ދަނޑުވެރިންނާއި ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ވިސްނުމެއްވެސް އެބަ ގެންގުޅެން." އަފްސަލް ވިދާޅުވިއެވެ.

އެގްރޯނެޓުން މިހާތަނަށް ރާއްޖޭގެ 68 ރަށަކަށް ދަތުރުކޮށް އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއާއި ގުޅޭ މައުލޫމާތާއި ދަނޑުވެރިކަމުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އެގްރޯނެޓްގައި 2000 އަށްވުރެ ދަނޑުވެރިން މިހާރުވެސް ވަނީ ރަޖިސްޓްރީވެފައެވެ. އެ ކުންފުންޏާއެކު ސޮއެކޮށްގެން 1000 ދަނޑުވެރިން މަސައްކަތް ކުރާއިރު، އޭގެތެރެއިން ދަނޑުގައި ތަކެތި އިންދައިގެން މަސައްކަތްކުރާ 300 އަށްވުރެ ދަނޑުވެރިން އެބަތިބިކަމަށް އެގްރޯނެޓުން ވިދާޅުވެއެވެ.