ޚަބަރު

13 ސީ އެމްބިއުލާންސެއް އޮޕަރޭޝަނަށް ނެރެނީ


ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އަތޮޅުތަކަށް 13 ސީއެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓްރީން ވިދާލުވެއްޖެއެވެ.

ރާއްޖޭގައި މިހާރުވެސް ސީއެމްބިއުލާންސް ޚިދުމަތް އަންނަނީ ދެމުންނެވެ. ނަމަވެސް ސީ އެމްބިއުލާންސްގެ ޚިދުމަތް މިވަގުތު ދެނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރުމަށް އެމްބިއުލާންސްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ. އެގޮތުން އަލަށް ގެންނަ ސީއެމްބިއުލާންސްތަކަކީ މިހާރު ބޭނުންކުރާ ސީއެމްބިއުލާންސްތަކަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް އުޅަނދުތަކެއްކަމަށެވެ. އެގޮތުން އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ ސީ އެމްބިއުލާންތަކަކީ 36 ފޫޓް އެމްބިއުލާންސްތަކެއްނަމަވެސް ހެލްތު މިނިސްޓްރީން ގެންނަ ސީއެމްބިއުލާންސްތަކަކީ 38 ފޫޓްގެ އުޅަނދުތަކެއްކަމަށް އާދިލް ވިދާޅުވިއެވެ. އޭގެ ތެރެއިން ގިނަ ސީއެމްބިއުލާންތައް އަންނަ ސެޕްޓެމްބަރުމަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެކަމަށާއި، ހުރިހާ ސީއެމްބިއުލާންތަކެއް އޮޕަރޭޝަނަށް ގެނެވޭނީ އަންނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައިކަމަށް އާދިލް ވިދާޅުވިއެވެ.

އަލަށް ގެންނަ ސީ އެމްބިއުލާންތަކަކީ އަތޮޅުތަކުގައި އައުޓްރީޗް ޕްރޮގްރާމްތަކާއި ސިއްޙީ އެމެޖެންސީތަކުގެ ބޭނުމަށް ގެންނަ އުޅަނދުތަކެއްކަމަށްވެސް އާދިލް ވިދާޅުވިއެވެ. އާދިލް ވިދާޅުވީ އެ އުޅަނދުތައް ހޯދުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ޓެންޑަރަށް ހުޅުވާލާފައިކަމަށެވެ.

"އެއީ ވަރަށް ބޮޑު ކުރިއެރުމެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިހުރެގެން ސީ އެމްބިއުލާންސްގެ ޚިދުމަތް ކުރެވޭނެކަމަށް ވަންޔާ. ވަރަށް ބޮޑު ބަދަލުތަކެއް ސިއްހީ ދާއިރާއަށް އެބައާދޭ." އާދިލް ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިއްޙީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް އިތުރުކުރުމަށް ބޮޑު ހޭދައެއް ކުރެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާތަނަށް ސިއްޙީ ދާއިރާއަށް އެކަނިވެސް 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.