ޚަބަރު

ދަރަވަންދޫ ނަރުދަމާ ނިޒާމާއެކު ދުވަސްވީ ތަކުލީފުތައް ނިމުމުގެ އުންމީދު!


ބ.އަތޮޅުގެ މައި ދޮރާށީގެ ގޮތުގައި ދެކޭ ދަރަވަންދޫގައި އެއަރޕޯޓެއްގެ ޚިދުމަތް ދޭން ފެށިތާ 11 އަހަރު ވެގެން ދިޔައިރު އެރަށުގައި ރައްކާތެރި އަދި ދެމެހެއްޓެނިވި ނަރުދަމާ ނިޒާމެއް ނެތުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް އެރަށު ރައްޔިތުންނާއި ކައުންސިލުން ދެކެއެކެވެ.

ރަށުގެ ތަރައްޤީއަށް އެޅިފައިއޮތް އެންމެ ބޮޑު ހުރަހަށް މިކަން ވެފައިވަނީ ވަރަށްގިނަ ސަބަބުތަކާ ހުރެއެވެ. ދަރަވަންދޫގައި ހެދި އެއަރޕޯޓްއާއެކު އެރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ފެށިއެވެ. މިހާރު 14 ގެސްޓް ހައުސްއެއްގައި 400 އެނދު އެބަހުއްޓެވެ.

އެހެންނަމަވެސް މިރަށުގެ ފެން ފަށަލަ ވަނީ ހަލާކުވެފައެވެ. ފެން ފަށަލަ ހަލާކުވާން ދިމާވި މައިގަނޑު އެއް ސަބަބަކީވެސް ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުންކަމަށް އެރަށު މީހުން ޤަބޫލުކުރެއެވެ. ބިމަށް ނަޖިސް ހިންދުމަކީ ރައްކާތެރިގޮތެއްވެސް ނޫނެވެ. އަދި އެއީ ޒަމާނީ ނަރުދަމާގެ ނިޒާމުތައް ހުންނަގޮތެއްވެސް ނޫނެވެ. އެއީ ނަޖިސް ހިންދާ ބިމަކުން ނަގާ ފެން ސާފު ތާހިރުވާނެކަމަށް ފަތުރުވެރިންވެސް ޤަބޫލެއް ނުކުރެއެވެ. އެހެންކަމުން ނަރުދަމާ ނިޒާމެއް ނެތި އެރަށުގެ ރައްޔިތުން އުޅެމުން އަންނަނީ އުނދަގޫ ދިރި އުޅުމެއްކަމަށް ރަށު ކައުންސިލްގެ ރައީސް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ވިދާޅުވިއެވެ.

"ވަރަށް ދަތިވޭ އަސްލު، ގެވަޅުތަކުގައި ޖަންގްޝަންތައް ހަދައިގެން ގެތަކުގައި ދިރިއުޅެންވެސް. ގޯތިން ބޮޑު ބައެއް އެބަގެއްލޭ. ބައެއް ގެވަޅުތަކުގައި ދެ ޖަންގްޝަން ތިން ޖަންގްޝާންވެސް އެބަހުރި. އެއީ ޢާއިލާއެއް އުޅޭނެހާ ޖާގަ. އަދި އެވަޅުގަނޑުތައް ފުރިއްޖެނަމަ އަތުން ކުރަންޖެހޭ ހޭދަ އެހާމެ ބޮޑު" ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ޝަމީހް ވިދާޅުވިއެވެ.

ދަރަވަންދުއަށް ދިމާވެފައިއޮތް މިމައްސަލައަށް ލަސްތަކެއް ނުވެ ހައްލު ލިބިގެން ހިނގައިދާނެކަމުގެ އުންމީދު މިހާރު ވަނީ އާވެފައެވެ. އެރަށުގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައެވެ. އެކަމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ރަށުގެ ބޮޑު ބައެއްގައި ވަނީ ނަރުދަމާގެ މައި ހޮޅި ވަޅުލާ ވެސް ނިމިފައެވެ.

މިމަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.53 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 384 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތިން ސަރަޙައްދެއްގައި ތިން ޕަންޕް ސްޓޭޝަންތައް ޤާއިމްކޮށް ނަޖިސް ފެން ބޭރުކުރުމަށް މޫދަށް ހޮޅިއެއްއެވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 0.78 ކިލޯމީޓަރުގެ ޕަމްޕިން މެއިން ޤާއިމްކުރުމާ ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިން ފޯރުކޮށްދެވޭނެކަމަށްވެސް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.
ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާ ނުކުރެވޭ މައިގަނޑު އެއްސަބަބަކީ މި ޚިދުމަތް އެރަށުގައި ނެތުންކަމަށާ، މިކަމުގެ މަސައްކަތް ނިމުމުން ރައްޔިތުން އުފުލަމުންދިޔަ ތަކުލީފް ނިމި ފަތުރުވެރިކަމުގެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ކައުންސިލްގެ ރައީސް ޢަލީ ޝަމީޙް ވިދާޅުވިއެވެ.

ދަރަވަންދޫގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމަކީ ފަތުރުވެރިކަން ފުޅާ ކުރުމަށް ބޭނުންވާ އެންމެ މުހިންމު ދެ ޚިދުމަތެވެ. މީގެ ތެރެއިން ރައްކާތެރި ފެނުގެ ނިޒާމެއް ޤާއިމްކޮށް މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާއިރު، އެރަށުގައި ފެން އުފެއްދުމަށް ބަހައްޓާފައި ހުރި އާރުއޯ ޕްލާންޓްތަކުން ބޭނުންވާވަރަށް ފެން އުފައްދައި ނުދެވޭތީ އެކަން ހައްލު ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިނގް ހައުސިން އެންޑް އިންފްރާސްޓރަކްޗަރއިން ދަރަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 2020ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުއެވެ. މި މަސަކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 05 ޑިސެމްބަރ 2022އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.3 މިލިއަން ރުފިޔާއެވެ.