ޚަބަރު

ޖަމްޢިއްޔާތަކުގެ ފޯރަމްގައި 104 ޖަމްޢިއްޔާއެއް ބައިވެރިވޭ


އަންނަ ހަފްތާގައި
ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާތަކުގެ ފޯރަމްގައި ބައިވެރިވުމަށް 104
ޖަމްޢިއްޔާއަކުން ރަޖިސްޓްރީކުރައްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.



ހޯމް މިނިސްޓްރީގެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިސްޙާޤް އަހްމަދު ވިދާޅުވީ، މި ފޯރަމްގައި
ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ރަށްރަށުގެ ޖަމްޢިއްޔާތަކުން
ހިންގާ ކަންކަމުގެ ޚިޔާލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށެވެ.



އެގޮތުން ލޯކަލް
ގަވަރމަންޓްގެ ސެޝަންތަކާއި، އ.ދ. ގެ ފަރާތުން
ތަރައްޤީއާއި ގުޅޭގޮތުން ހުށަހަޅާ ސެޝަންއެއްގެ އިތުރުން ޖަމްޢިއްޔާތަކުން
ބޭނުންވާ ކަންތައްތަކާއި، ހުރި ފުރުޞަތުތަކާއި ގޮންޖެހުންތަކާއި ގުޅޭގޮތުން
ހުށަހަޅާ ސެޝަންއެއް އޮންނާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މި ފަހަރުގެ
ފޯރަމްގައި ޖަމްޢިއްޔާތަކަށް ވަރަށް ގިނަ ފުރުޞަތުތަކެއް ހުންނާނެ ކަމަށާއި،
މަޝްވަރާތަކާއި އެކު ކުރިއަށް ދިއުމަށް ޖަމިއްޔާތަކުން ތައްޔާރުވުމަށް އިސްޙާޤް
އެދިވަޑައިގެންނެވިއެވެ.



"އަޅުގަނޑުމެންގެ އުއްމީދަކީ ޖަމްޢިއްޔާތަކުން މަޝްވަރާއަށް ވަރަށް ބޮޑަށް
ތަައްޔާރުވެގެން އައުން. ޖަމްޢިއްޔާތަކަށް ވަރަށް ގިނަ ކަންކަމަށް މަގުފަހިވެގެންދާނެ
ފޯރަމަކަަށް ވެގެންދާނެ.   މިރާ އަދި
މަޓާޓޯ ފަދަ ތަންތަނުން ފޯރަމްގައި ކަރުދާސްތައް ހުށަހަޅާނެ" އިސްހާޤް
ވިދާޅުވިއެވެ.



މި ފޯރަމްގައި
ޖަމްއިއްޔާތަކުގެ މާލީ ދާއިރާ ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަމަށް
ޚާއްޞަ ސެޝަނެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޖަމްޢިއްޔާތަކުގެ
ޤައުމީ ފޯރަމް ބޭއްވެވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 23 އާއި 24 ވަނަ
ދުވަހު ދަރުބާރުގޭގައެވެ. އެންމެ ފަހުން ޖަމްޢިއްޔާތަކުގެ ފޯރަމް ބާއްވާފައިވަނީ
2012 ވަނަ އަހަރުއެވެ. ހޯމް މިނިސްޓްރީގައި ޖަމްޢިއްޔާތަކުގެ ދަފްތަރުގައި
2,000 އަށްވުރެ ގިނަ ޖަމްއިއްޔާ ރަޖިސްޓްރީކޮށްފައިވެއެވެ.