ޚަބަރު

މިނިވަން ނޫސްވެރިކަން އަހަރަކަށްވުރެ އަހަރެއް ކުރިޔަށް!


ޒަމާނީ ފުރިހަމަ މިނިވަން ޑިމޮކްރަސީއެއްގައި، ޑިމޮކްރަސީގެ 3 ބާރު އޮވެފައި، އެތިންބާރަށްވެސް ފާރަވެރިވާނޭ 4 ވަނަ ބާރެއް އޮވެއެވެ. އަދި ޑިމޮކްރަސީގެ 4 ވަނަ ބާރަކީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގާނޫނީ ގޮތުން ރަސްމީ ހައިސިއްޔަތެއްގައި، ރަސްމީ ބާރެއްގެ ގޮތުގައި ބަލައިގެންފައި އޮންނަ ބާރަކަށް ނުވިޔަސް، އެއީ، ގާނޫނު އަސާސީން މިނިވަންކަމާއި، ހިމާޔަތާއި ރައްކާތެރިކަން ފުރިހަމަޔަށް ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމެވެ. މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4ވަނަ ބާރުގެ ގޮތުގައި ސިފަކުރެވިފައި އޮންނަނީ، ސަރުކާރެއް ޒިންމާދާރު ކުރުމުގައި ނޫސްވެރިން އުފުލަންޖެހޭ ޒިންމާތަކުގެ ބޮޑުކަމުންނެވެ.

2008ވަނަ އަހަރު ދިވެހިން ބަލައިގެންފަ އޮތް "ފެހި ގާނޫނު އަސާސީ"އިން އަސާސީ ހައްގުތަކަށް ވަކި ޚާއްސަ ބާބެއް ކަނަޑައަޅާ، އެގާނޫނު އަސާސީގެ 2ވަނަ ބާބުގެ 28ވަނަ މާއްދާގެ އަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް، ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނޭ މައްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިވަން ޑިމޮކްރަސީއެއްގައި ނޫސްވެރިންނާއި، ނޫސްވެރިކަން އަދާ ކުރަންޖެހޭ ދައުރުގެ މުހިންމުކަން ބޮޑުކަމުންނެވެ. ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ބާބުގައި ނޫސްވެރިކަމުގެ މިނިވަންކަން ބަޔާން ކޮށްދީފައިވަނީ މިފަދައިންނެވެ.

"ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާޢިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ."

ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާދީ، އެމާއްދާގެ ދަށުން ދުލާއި ގަލަމުގެ މިނިވަންކަމުގެ ބޭނުން ކުރެވޭނޭ ހުދޫދުތަކުގެ މައިގަޑު އަސާސްތައް ބަޔާން ކޮށްފައިވެއެވެ. އެއީ އެ މުހިންމު އަސާސީ ހައްގުގެ ފޮނިމީހުރުކަން ރައްޔިތުންނަށް ލިބި ދީގެން މެނުވީ މިނިވަން ޑިމޮކްރަސީއަކަށް، ދިރި ދެމި ނުއޮވެވޭނެތީއެވެ. މިކަންކުރީ ފެހި ގާނޫނު އަސާސީ ފަރުމާކޮށް، އެގާނޫނު އަސާސީއަށް ވޯޓުދީ، އެގާނޫނު އަސާސީ ފާސްކޮށް ތަސްދީގު ކުރުމާހަމައަށް މިކަމުގައި ޝާމިލްވި އެންމެންނަށް މިކަން އޭރުވެސް ރަނގަޅަށް ފަހުމް ވެގެންނެވެ.

ހަމަ އެފަދައިން، އާގާނޫނު އަސާސީ ތަސްދީގުކުރެވުމަށްފަހު، ފާއިތުވެދިޔަ 14 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖެ ދެކެފައިވާ ސިޔާސީ އެތަކެއް ހަލަބޮލިކަމެއްގެ ތެރެއިންވެސް، ގާނޫނޫއަސާސީން ލިބިދީފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން މަރާނުލެވި، ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ނޫސްވެރިކަން މިހާތަނަށް ވާސިލްވެގެން އައިސްފައިވާކަން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއްގައި ފާހަގަކުރަން ޖެހެއެވެ.

މިސާލެއްގެ ގޮތުން، 2012ވަނަ އަހަރު ވެރިކަން ބަދަލުވެ ދިއުމަށްފަހު ނޫސްވެރިކަމަށް ކުރިމަތިވެދިޔަ ބޮޑެތި ގޮންޖެހުންތަކާއި، ރައީސް ޔާމިންގެ ވެރިކަމުގައި، އަބުރުގެ ގާނޫނެއް ފާސްކޮށް، އެ ގާނޫނުގެ ޒަރީއާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން ނޫސްވެރިކަމަށް ކުރިމަތިވެގެން ދިޔަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ދިވެހި ނޫސްވެރިކަމަށް އިރެއް ނުއޮއްސުނެވެ. އަސާސީ ހަމަތަކުން ބަޔާންކުރާނަމަ، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް، ހިފެހެއްޓޭނެ ހައްގެއް ނޫނެވެ. އެހައްގު ރައްކާތެރި ކުރުމުގެ ގޮތުން، ގާނޫނު އަސާސީން ލިބިދީފައިއޮތް، މަސްދަރު ރައްކާތެރިކުމުގެ ހައްގު އެއްވެސް ހާލަތެއްގައި، އެއްވެސް ބަޔަކަށް ނިގުޅައިގަތުމުގެ ފުރުސަތެއްނެތެވެ.

މަސްދަރު ރައްކާތެރި ކުރުމުގެ މުހިންމުކަން

ސަރުކާރާއި، ގައުމުގެ މުހިންމު، ބޮޑެތި ނިންމުންތައް ނިންމުމުގައި އިސްކޮށް ތިއްބަވާ، ސިޔާސީ ގޮތުން ނުފޫޒްގަދަ ފަރާތްތައް ޒިންމާދާރު ކުރުވުމުގައި ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައި އޮންނަ އެންމެ ވަރުގަދަ ހަތިޔާރަކީ "މަސްދަރު" ރައްކާތެރި ކުރުމުގެ ހައްގެވެ. މާނައަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތް ސިއްރުކޮށްފައި ބޭއްވުމުގެ ހައްގު ވަނީ ނޫސްވެރިޔާއަށް މުތުލަގަށް ލިބިދީފައެވެ. އެއީ އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ މައިގަޑު އަސާސް ވެސްމެއެވެ. ސަބަބަކީ، އަމިއްލަ މަސްލަހަތުގައި ނިންމާ ނިންމުންތަކުގެ އެންމެ ފުނަށް ދަތުރު ކުރުމުގައި، ނޫސްވެރިޔާއަށް، އަމަލީ ގޮތުން ހޯދާބެލުމަށް އޮތް ހަމައެކަނި ފުރުސަތަކީ، މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު ނުވަތަ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ހައްގު އޭނާއަށް ފުރިހަމަޔަށް ލިބިދީގެން ކަމުގައި ވާތީއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިނގާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، މަރުގެ ހާދިސާތައްފަދަ، އެކަންކަމުގެ އެންމެ ފުނާހަމަޔަށް ދަތުރުކުރުމުގެ ފުރުސަތުނެތް ކިތަންމެ މައްސަލަތަކެއް ތިލަވެގެން އައިސްފައި އޮތީ، އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ތެރެއިންނެވެ. ހަމައެފަދައިން ރާއްޖޭގައި ހިނގައިގެން ގޮސްފައިވާ އެމްއެމްޕީއާރުސީގެ ވައްކަމުގެ އެތައްކަމެއް ނޫސްވެރިންގެ ލިޔުންތަކުން ތިލަވެފައި އެބަހުއްޓެވެ.

ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމާއި ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ގާނޫނު އަސާސީން ލިބިދީފައި ނެތްނަމަ، އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވަނަވަރު އާންމުންގެ މެދުގައި ހާމަވެ، އޭނާއާއި އޭނާގެ އާއިލާގެ ސަލާމަތަށް ނުރައްކާވާނޭކަން ސާފުކޮށް އެނގެން އޮންނަ ހާލަތެއްގައި، މިފަދަ މުހިންމު، އަދި ސިޔާސީގޮތުން ނުފޫޒުގަދަ އެތައް ބައެއްގެ މަސްލަހަތާއި ގުޅުންހުރި، ސިއްރިޔާތުގައި ހިގައިގެން ގޮސްފައި ހުންނަ ކަންކަމަކީ ދުވަހަކުވެސް، އާންމު ރައްޔިތުންނާ ހަމައަށް ތިލަވެގެން އަންނާނޭ ކަންތައްތަކެއް ކަމުގައި ވެގެން ނުދާނެއެވެ. ގާނޫނު އަސާސީން މިނިވަން ނޫސްވެރިކަމުގެ އެންމެ މުހިންމު އަސާސެއްގެ ގޮތުގައި މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ނޫސްވެރިންނަށާއި ނޫސްވެރިކަމަށް ލިބިދީފައި އޮންނަނީ މިސަބަބުންނެވެ.

ނޫސްވެރިކަމުގެ އަދުގެ ހާލަތު

ޒަމާން ބަދަލުވެ، ޓެކްނޮލޮޖީގެ ފަހިކަމާއެކު އޮންލައިން ނޫސްތަކާއި ތަފާތު އެހެން ޕްލެޓްފޯމްތަކުގެ ތެރެއިން ނޫސްވެރިކަމުގެ މަސައްކަތް ރާއްޖޭގައިވެސް މިވަނީ ވަރަށް ފުޅާވެފައެވެ. މިއީ ޒުވާން ނޫސްވެރިން މި ދާއިރާއަށް ތަޢާރަފުވުމަށްވެސް ހުޅުވިގެންދިޔަ އިތުރު ދޮރުތަކެކެވެ. ރާއްޖެއަކީ ވަރަށް މިނިވަންކަމާއެކު، ނޫސްވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. ހޯމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އެކި ނަންނަމުގައި ރާއްޖޭގައި ރަޖިސްޓަރކޮށްގެން 200 އަށްވުރެ ގިނަ ނޫހާއި މަޖައްލާ އަންނަނީ ނެރެމުންނެވެ.

މިއަދު ދުނިޔެ މިވަނީ ފުޅާދާއިރާއެއްގައި ހުޅުވާލެވިފައެވެ. ޚަބަރާއި މަޢުލޫމާތު ފޯރުވުމުގައި ހުރަހެއް ނެތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ ތާޒާ ޚަބަރާއި މަޢުލޫމާތު މީސް މީޑިއާއާއި ޚަބަރުފަތުރާ ތަފާތު ވަޞީލަތްތަކުގެ ޒަރިއްޔާއިން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނާ ހަމައަށް ފޯރައެވެ.

ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ކުރިއަރާ ދިއުމުގެ ރޫޙެއް ވަނީ އަށަގެންފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ސަރުކާރުގެ ދުވަސްވަރައި އޭގެ ކޔުރިން ހިނގައިދިޔަ ދެތިން އަހަރު ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައިވެސް ތަފާތު ތަޖުރިބާތަކެއް ކުރަންޖެހިފައިވެއެވެ. ނޫސްވެރިން ތިބީ ކަންބޮޑުވުމާއި ނަމާންކަމާއި ހާސްކަމުގެ ތެރޭގައެވެ. ލިޔެލާ އެއްޗަކުން ނުވަތަ ފާޅުކުރާ ޝުއޫރަކުން ޖެހިގެން އަންނަ ދުވަހު ކުރިމަތިލާން ޖެހިދާނެކަމަކާމެދު ވިރުންނެވެ. ހުރިހާ ނޫސްވެރިންވެސް ބުނަމުން ދިޔައީ ރާއްޖޭގައި ނޫސްވެރިންނަށް އޮތީ ބިރުވެރި ނުރައްކާތެރި މާހައުލެއްކަމަށެވެ. ސަރުކާރާދެކޮޅަށް ހަބަރު ގެނެސްދޭ ޓިވީ ސްޓޭޝަނެއްގައި ރޯވެސް ކޮށްލިއެވެ. އެއާއެކު ނޫސްވެރިން މަރާ ހަނގުރާމަކުރަން ޖެހުނު ހިސާބަށް ކަންތައް ދިޔަކަން މީ ފެންނަ އޮތް ހަގީގަތެވެ.

މި ބިރުވެރިކަން އިންތިހާއަށް ބޮޑެވެގެންދިޔައީ ވީ ނުވީއެއް ނޭނގި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުނު ހިސާބުންނެވެ. ހަމައެއާއެކު މަޝްހޫރު ބްލޮގަރ ޔަމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލި ހާދިސާއާއެކު މި ނާމާންކަން އަނެއްކާވެސް އިތުރުވެގެންދިޔައެވެ.

ވަކިން ޚާއްސަކޮށް ކުރީގެ ސަރުކާރުގައި އެކުލަވާލި އަބުރު ރައްކާތެރިކުރުުގެ ޤާނޫނާއެކު ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔައެވެ. ސަރުކާރުގެ ކަމަކާއި ގުޅޭގޮތުން ނުވަތަ ދައުލަތުގެ ވެރިޔަކާއި ގުޅޭ ގޮތުން ހަބަރެއް ލިޔުނު ކޮންމެ ނޫސްވެރިޔަކާއި މި ޤާނޫނާއި ކުރިމަތިލާން ޖެހުނެވެ. ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލައެއް ނުވަތަ އިސްވެރިއެއްގެވެސް މި ފަދަ ވާހަކައެއް އާއްމުންނާއި ހަމައަށް ގެންދީފިނަމަ އެއީ އަބުރު ކަތިލުންކަމަށްވެ ބައެއް ނޫސްވެރިންނާއި ބައެއް ސްޓޭޝަންތައް މިލިއަނުން ޖޫރިމަނާއާ ކުރިމަތިލާން ޖެހުނެވެ.

މި ޤާނޫނުގައި ހުރި ކަންތައްތަކާމެދު ގިނަ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް މަގުމައްޗަށް ނުކުމެ މިނިވަންކަމަށް އެދި އާދޭސްކޮށް މުޒާހަރާވެސް ކުރިއެވެ. އެހެންނަމަވެސް އެކަން ސަރުކާރުން އަޑު އެހުމުގެ ބަދަލުގައި ޖަވާބު ދިނީ ފެނާއި ޕެޕެރަ ސްޕްރޭއިންނެވެ. ނޫސްވެރިންނަށް ދައުވާ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅިގެން ދިޔަ ހުރަހުގެ ނަތީޖާއަކަށްވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދުވަހަކުވެސް ރާއްޖެ ނުވެއްޓެހާ ދަށަށް ވެއްޓިގެން ދިއުމެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ އެއް ވައުދު ފުޅަކަށްވީ ނޫސްވެރިންނަށް ހުރި މި ގޮންޖެހުންތައް ނައްތާލާނެކަމުގެ ވައުދުފުޅެވެ. އަދި ވެރިކަމަށް ވަަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ އެ ޤާނުނަކުން ނޫސްވެރިން ބަނދެވެމުން ދިޔަ އަބުރުގެ ޤާނޫނު އުވާލާ މިނިވަންކަމުގެ ނޭވާއެއްލުމުގެ ފުރުސަތު ދިވެހި ނޫސްވެރިނަށް ހޯއްދަވައިދެއްވުމެވެ.


ނޫސްވެރިންނަށް ލިބުނު ފުރިހަމަ މިނިވަންކަން މިއަދު ރާއްޖޭގެ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކާއި އޮންލައިންތައް ބަލާލުމުން ފެންނަ އެބައޮތެވެ. ނޫސްވެރިން އެމީހުންނަށް ފެންނަ ކޮންމެކަމެއް ރިޕޯޓްކުރަނީއެވެ. ސަރުކާރަށް ފާޑުކިޔުންކަމުގައި ވިޔަސް ނުވަތަ ސަރުކާރުގެ ތެރޭގައި ހުރި މައްސަލައެއް އާއްމުނަނަށް ތިލަކޮށް އެވާހަކަތައް ވެސް ދައްކަނީއެވެ. ނޫސްވެރިން މި ގޮތަށް ތިލަކުރާ ވާހަކަތަކުން ނޫސްވެރިޔާ ހައްޔަރުކުރުމުގެ ބަދަލުގައި މިއަދު ސަރުކާރުގެ އަމާޒަކީ އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަންޖެހޭ މީހުންނާއި މެދު ފިޔަވަޅުއެޅުމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމާ ޙަވާލުވެވަޑައިގެން އެޅުއްވި ފިޔަވަޅުތަކާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެކަން ފެނިގެން ދަނީ މިސަރުކާރު ވެރިކަމާ ޙަވާލުވީ ފަހުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެއަށް ކޮންމެ އަހަރުވެސް ކުރިއެރުންތަކެއް ހޯދަމުން އަންނާތީއެވެ.

ނަމަވެސް ނޫސްވެރިނަށް އެމީހުންގެ ޒިންމާއަދާކުރުމަށް ހުރަސްއެޅޭ ވާހަކަ އަދިވެސް އަޑުއިވެއެވެ. އެހެންނަމަވެސް މި ފަދަ ހުރަސްތައް ކުރިމަތިވާ ކޮންމެ ފަހަރަކު ސަރުކާރުން އަންނަނީ އެކަމަށް ފިޔަވަޅު އަޅުއްވަމުންނެވެ.