ޚަބަރު

ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް ނާއިބު ރައީސް ނިއުޔޯކަށް ވަޑައިގެންފި


އ.ދ. ގެ ޢާންމު މަޖިލީހުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ ތީމެޓިކް ޑިބޭޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް “ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ” މަޢުޟޫއަށް ފަށްޓަވާފައިވާ މަތީ ފަންތީގެ ތީމެޓިކް ޑިބޭޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ގުޅިގެންނެވެ.

މި ހަރަކާތުގެ ސަބަބުން މެމްބަރު ޤައުމުތަކަށާއި ކަމާބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާއި މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ޙިއްޞާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ އަދި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11ގައެވެ.