ބައިނަލްއަލްޤްވާމީ މަސައްކަތްތެރިންގެ ދުވަސް ނުވަތަ، އިންޓަނޭޝަނަލް ލޭބަރ ޑޭ، ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. ބައިނަލްއަޤްވާމީ ގޮތުން މިދުވަސް ފާހަގަކުރަނީ މަސައްކަތްތެރިންގެ ޙައްގުތައް ޙިމާޔާތްކުރުމަށެވެ. ބައިނަލްއަގްވާމީ ގޮތުން މަސައްކަތްތެރިންގެ ދުވަހެއް ދުނިޔޭގައި ފާހަގަކުރަން ފެށީ 1 މެއި 1886ގައެވެ.
މަސައްކަތްތެރިންގެ ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އެބައިމީހުންގެ މަސައްކަތް ވަޒަންކުރުމާއި އަދި އެބައިމީހުންގެ މަސައްކަތުގެ މާޙައުލުގެ ފަހިކަމަށް ބާރުއެޅުން ފަދަ ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުމެވެ. މިދުވަސް ރާއްޖޭގައިވެސް އަންނަނީ ފާހަގަކުރަމުންނެވެ. ރާއްޖެއަކީވެސް މަސައްކަތްތެރިންނާބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތައް ބަލައިގަނެ، އަދި މަސައްކަތްތެރިންގެ ޙައްޤުތަކަށް އިސްކަންދޭ، ވަޒީފާއާބެހޭ ޤާނޫނެއް ތަންފީޒުކުރަމުން އަންނަ ޤައުމެކެވެ.
ދިވެހިންނަކީވެސް އަމިއްލަ ވަންތަ އަމިއްލަ މަސައްކަތްތަކެއްގެ މައްޗަށް އާމްދަނީ ބަރޯސާކޮށްގެން ދިރިއުޅެމުން އައި ބައެކެވެ. ދިވެހި ތާރީޚަށް ބަލާއިރު، ދިވެހިންނަކީ، މަސްވެރިކަމާއި ދަނޑުވެރިކަމުން ޢާމްދަނީގެ ބޮޑުބައެއް އަމިއްލަ މަސައްކަތުން ހަމަޖައްސަމުން އައި ބައެކެވެ. އުޅަނދުފަހަރު ބަނުމާއި ގޯތިގެދޮރުއެޅުމާއި ފަރުނީޗަރާއި ދިރިއުޅުމަށް ބޭނުންވާ ތަކެތި އަމިއްލައަށް ތައްޔާރުކުރުމަކީ ދިވެހިން އަމިއްލައަށް ކުރަމުން އައިކަމެކެވެ. ދިވެހިންނަކީ މަސައްކަތުގައި ހީވާގި މުރާލިކަން މާޒީންވެސް ދައްކައިދީފައިވާ ބައެކެވެ. ނަމަވެސް އެދުވަސް މާޒީވެ ރާއްޖޭގެ އިގްތިސާދަށް އައި އިންގިލާބީ ބަދަލާއެކު ރާއްޖޭގެ އެންމެ ގިނަ މަސައްކަތްތެރިން ހަރަކާތްތެރިވާ ސިނާއަތަކަށް ޓޫރިޒަމް ސިނާއަތް މިވަނީ ވެފައެވެ.
މަސައްކަތްތެރިންގެ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެ މަސައްކަތްތެރިން ކަންބޮޑުވާ އެތައްކަމަކަށް ސަރުކާރުން މިހާރު ވަނީ ހައްލު ގެނެސްދީފައެވެ.
އެގޮތުން ރާއްޖޭގައި ހިންގާ އެތައް ރިސޯޓުތަކެއްގައި "ސަރވިސް ޗާޖް" ނުދިނުމާއި، ދިނުން ލަސްކުރުމުގެ އިތުރުން އެކަމުގައި ތަފާތުކުރުން ގެންގުޅޭ މައްސަލަ ހައްލުކުރުމަށްޓކައި އެކި ފަހަރު މަތިން މަސައްކަތް ކުރެވުނު ނަމަވެސް އެކަމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ހައްލުތަކާއި ޤާނޫނުގައިވާ ގޮތަށް އެކަން ތަންފީޒުކުރެވިފައި ނުވުމަކީ ދާދި ފަހަކާޖެހެންދެން ފެންނަން އޮތް ހަޤީގަތެކެވެ. "ސަރވިސް ޗާޖު"ގެ މައްސަލައާއި އެނޫންވެސް ރިސޯޓު މުވައްޒަފުން ތަހައްމަލް ކުރަމުންދިޔަ މައްސަލަތަކަށް ހައްލު ގެނައުމުގެ މަސައްކަތް މިއަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ހިސާބުން ފެށިއެވެ. އެގޮތުން ކުރެވުނު މަސައްކަތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަޒީފާއާއިބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް "ސަރވިސް ޗާޖު"ގެ މައްސަލައަށް ރަސްމީ ހައްލެއްވަނީ ގެނެސްދެއްވާފައެވެ.
މިހާރު ވަނީ މުވައްޒަފުންނަށް ސަރވިސް ޗާޖު ދޭންޖެހޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި އެ ޤަވާއިދުގައި ހިމަނައި އެއަށް އަމަލުކުރަން ފަށާފައެވެ. މިއާއެކު ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްގުވާ މިންވަރު ކަށަވަރު ވެގެންދިޔައެވެ. މީގެ ދަށުން ވަޒީފާ ދޭ ފަރާތުގެ ޚިދުމަތެއް ދިނުމުގައި ސީދާގޮތުންނާއި ނުސީދާ ގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ހަމަހަމައަށް ސަރވިސްޗާޖް ހައްޤުވާނެއެވެ. "ސަރވިސްޗާޖު"ގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ %9 މުވައްޒަފުންނަށް ލިބޭނެއެވެ.
ދަރިންނަކީ އާއިލާއަކަށް ލިބޭނެ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުންކަމަށްވާއިރު، ވަޒީފާއަދާކުރަމުން ދަރިންނަށް އެކަށީގެންވާ ވަގުތު ނުދެވުމަކީ އެފަދަ މައިންބަފައިން ތަޙައްމަލުކުރާ އެންމެ ހިތްދަތި އެއްކަންތަކެވެ. ވަކިން ޚާއްސަކޮށް ދަރިއަކު ލިބޭ ހިސާބުން، ފުރަތަމަ ދެތިން މަހަކީ ތުއްތު ދަރިފުޅާއެކު މަންމައާއި ބައްޕަވެސް ވަގުތު ހޭދަކުރަން ބޭނުންވާނެ ދުވަސްތަކެކެވެ. ނަމަވެސް އެ ފުރުޞަތު ގިނަ އާއިލާތަކަކަށް ނުލިބެއެވެ. އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާނަމަ، އެންމެ ގިނަވެގެންވެސް ލިބޭނީ މަސް ދުވަހުގެ ޗުއްޓީއެކެވެ. އެއަށްފަހު މަންމަ ނުވަތަ ބައްޕައަށް އަނބުރާ ވަޒީފާއަށް ނުކުތުމަށް މަޖުބޫރުވެއެވެ. ކުޑަ ދަރިފުޅަށް ވަގުތުދޭން ބޭނުންވާނަމަ ކޮންމެވެސް އެކަކު ވަޒީފާ ގުރުބާންކުރަންޖެހޭ ޙާލަތަށްވެސް ބައެއް އާއިލާތައް ގޮސްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2018ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ މިފަދަ ޙާލަތްތަކުގައި ތިބި އާއިލާތަކަށް އުފާވެރިކަމާއި އުއްމީދުން ފުރިގެންވާ ވަޢުދަކާއެކުއެވެ. އެއީ މެޓަރނިޓީ ލީވް ނުވަތަ ވިހެއުމާގުޅިގެން ޚާއްސަ ޗުއްޓީއެއް ދިނުމުގެ ވަޢުދެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ މި ވަޢުދު ފުއްދަވައިދެއްވާ، ސަރުކާރުގެ ވަޒިފާ އަދާކުރާ މައިންނަށް 6 މަސްދުވަހުގެ ޗުއްޓީ މުސާރައާއެކު، އަދި ބައްޕައަށް 1 މަސްދުވަހުގެ ޗުއްޓީއެއް މުސާރައާއެކު ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
މި ސިޔާސަތަކީ އެތައް އާއިލާއަކަށް އުފާވެރިކަމާއި ހިނިތުންވުން ގެނުވިކަމެކެވެ. އާއިލާއެއް ބިނާކުރަން ބޭނުންވެފައިތިބި މައިންނާއި ބަފައިންނަށްވެސް އުއްމީދު ގެނުވިކަމަކަށެވެ. ވިހެއުމުގެ ސަބަބުން ވަޒީފާ ދޫކޮށްލަންޖެހިދާނެކަމުގެ ބިރުވެރިކަމާއި ނުތަނަވަސްކަން މިހާރު ނެތެވެ. ސަރުކާރުގެ މިސިޔާސަތަކީ އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކަށްވެސް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ.
ތަޢުލީމީ ދާއިރާއަކީ ޤައުމު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ދާއިރާއެވެ. އެ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިން ދުވާލު 11 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކޮށްގެންވެސް ރަނގަޅު އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާއަކީ ޒަމާނުއްސުރެ އޮތް ބޮޑު ޝަކުވާއެކެވެ. ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރާ އެފަރާތްތަކަށް އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭކަމަށް އެތައް ބަޔަކު ޤަބޫލުކުރިނަމަވެސް އެކަމުގައި ކުލަޖެހިގެން ގޮސްފައެއް ނުވެއެވެ.
އެތައް ސަރުކާރުތަކެއް ބަދަލުވެގެން ދިޔައިރުވެސް އެކަމަށް ހައްލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިވަނީ މިއަދުންފެށިގެން އެ މަސައްކަތްތެރިންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައެވެ. މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ ނޫނެވެ. ސްކޫލްތަކުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް މިއަދުންފެށިގެން ބޮޑުވެގެންދާނެއެވެ. ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ.
ކޯވިޑްގެ ބަލިމަޑުކަން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރު، މިކަމުގެ އެންމެ ބޮޑު އަސަރެއް ކުރި ބަޔަކީ މަސައްކަތްތެރިންނެވެ. ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ލޮޅުމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ވަޒީފާގެ ޔަޤީންކަން ގެއްލިގެން ދިޔައެވެ. އިޤްތިޞާދީ ކާރިޘާއަކުގެ ސަބަބުން ހުރިހާ ސިނާޢަތަކަށް ވެސް އަސަރު ކުރިއެވެ. ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ފަތުރުވެރިކަމާއި އޭވިއޭޝަން ދައިރާއަށެވެ.
މިކަން އެންމެ ބޮޑަށް ފެނިގެންދަނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ހިސާބުންނެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު އެގޮތުން %68 މީހުން ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީ އެއްކޮށް މަޑުޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ.
ކޯވިޑާއި ގުޅިގެން ވަޒީފާއަށް އަސަރުކުރި ހުރިހާމުވައްޒަފުްނަށް ސަރުކާރުން ލުއި ގޮތްތަކެއް ހޯދައިދެއްވާ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. އެގޮތުން ވަޒިފާގެ ގެއްލި ނުވަތަ އާމްދަނީ ހުއްޓިފައިވާ މީހުން ހޯދާ އެމީހުންގެ މައުލޫމާތު އެއްކުރިއެވެ. ޖޮބް ސެންޓަރެއް ތައާރަފުކޮށް އެތަން 24 ގަޑިރު އޮޕަރޭޓްކުރަމުން އައީ އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތެރިންގެ ހައްޤުގައެވެ. ރާއްޖެއަށް އާމްދަނީ ވަންނަ މައި ދޮރާށި ބަންދުވެ ދައުލަތަށް ފައިސާ ނުލިބުނަމަވެސް މަސައްކަތެރިންނަށް އާމްދަނީއެއް ނުލިބި އެމީހުންގެ ހުރިހާ ދޮރެއް ބަންދުވާން ސަރުކާރު ދުލެއް ނުކޮށްލިއެވެ. ވަޒީފާއަށް އަސަރުކުރި އެންމެން ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލާ އިންކަމް ސަޕޯޓު އެލަވެންސްގެ ނަމުގައި އެލަވަންސެއް ކަނޑައަޅާ ދޫކުރަން ފެށިއެވެ. މި އެލަވަންސްގެ ސަބަބުން ގިނަ ބައެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިން ކަމަށް އިންކަމް ސަޕޯޓް އެލަވަންސް ލިބުނު ފަރާތްތަކުން ވަނީ ބުނެފައެވެ.
ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައިކޮށްދީފައިވާ މިފަދަ މުހިންމުން މަސައްކަތްތަކާއެކު ކުރިއަށްވެސް އޮތީ އުފާވެރި ދުވަސްތަކެކެވެ.މަސައްކަތެރިންގެ މަސައްކަތް ކުރާ މާހައުލުގެ ރައްކާތެރިކަމަށް، ގިނަ ޤާނޫނުތަކެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ޤާނޫނުތަށް ވުޖޫދު ވުމަކީ ދިވެހި މަސައްކަތެރިން އުއްމީދު ތަކާއި މިހާރު ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކެވެ.
ކޮންމެ ޤައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންނެވެ. ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމަޢު ޒީނަތްތެރިވެ، ނަމޫނާ ޙަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމަޢެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. ޢިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، ޢަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމަޢެއްގެ މަސައްކަތްތެރިންނެވެ. ވުމާއެކު މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޙައްޤުތައް ލިބިދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.