ގޭގައިތިބެ އެކިކަހަލަ ވިޔަފާރިތައް ކުރުމަކީ މިހާރު ވަރަށް އާންމުކަމެކެވެ. ކޯވިޑް-19 އާއިއެކު ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި ގުޅިގެން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދިޔައެވެ. މީގެތެރޭގައިވެސް އެންމެ ގިނައީ ކާބޯތަކެތި ތައްޔާރުކުރާ މީހުންނެވެ.
އާމްދަނީ ހޯދުމަށް ގޭގައިތިބެ މަސައްކަތް ކުރާ މީހުންގެ އަދަދު އިތުރުވިނަމަވެސް މިފަދަ ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގޭތެރޭގައި ކުޑަ ތަންކޮޅެއްގައި މި މަސައްކަތް ކުރަންޖެހުމެވެ. ޚާއްސަކޮށް މާލޭގައި މިފަދަ ވިޔަފާރިތައް ގިނައިރު މިއީ އެ މީހުންނަށް ދިމާވާ ވަރަށް ބޮޑު އުނދަގުލެކެވެ.
މިފަދަ ވިޔަފާރިތައް ކުރިއަރުވައި އެމީހުންނަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ މަސައްކަތް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން މިފަދަ ވިޔަފާރިތަކަށް ތަކެތި ތައްޔާރުކުރުމުގައި ފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި ބީސީސީން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއަކީ "ކޯޝެއާޑް ކިޗަން"ގެ މަޝްރޫއެވެ. ބީސީސީން މަސައްކަތް ކުރަމުންދަނީ މިތަން މިއަހަރުގެ 2 ވަނަ ކުއާޓަރގެ ފަހުކޮޅު ހުޅުވުމަށެވެ.
ކޯޝެއާޑް ކިޗެން އަކީ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް އެއްތަނަކުން ލިބޭ، އެއްފަހަރާ ގިނަ ބަޔަކަށް ބޭނުންކުރެވޭ ގޮތަށް، ވަކި ސްޓޭންޑަޑަކަށް ފަރުމާކޮށްފައި ހުންނަ ތަންތަނެވެ. ކޯޝެއާޑް ކިޗަންއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، ކޯޝެއާޑް ކިޗަން ކޮންސެޕްޓަކީ ރާއްޖެއަށް އައު ކޮންސެޕްޓެއްކަމަށްވާތީ އެ މަސައްކަތް ވީހާވެސް ފުރިހަމަކޮށް ރައްޔިތުންނަށް ޑެލިވަރ ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންދާކަމަށެވެ. އެގޮތުން މި މަސައްކަތް ކުރަން ފަރާތަކާއި މިހާރު ހަވާލުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރުވެސް ކޯޝެއާޑް ކިޗަންގެ މަސައްކަތް ކުރާނެ ފަރާތަކަށް މަސައްކަތް އެވޯޑް ކުރެވި މަސައްކަތް ހަވާލުވެސް ކުރެވިފައިވަނީ. އިކުއިޕްމަންޓްތައް ސޯސްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." ސާމިހް ވިދާޅުވިއެވެ.
ސާމިހް ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތް ކުރާ ވިޔަފާރިތައް ރާއްޖޭގައި މިހާރު ވަރަށް ގިނަކަމަށެވެ. މިފަދަ ވިޔަފާރިތަކުން ގޭތެރޭގެ ކުޑަ މާހައުލުގައި މަސައްކަތް ކުރަން ބޭނުންކުރާނީވެސް ވަރަށް ކުދި އާލާތްތައްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޯޝެއާޑް ކިޗަންގެ ސަބަބުން މަސައްކަތުގެ ސްޕީޑް އަވަސްވެ ތައްޔާރުކުރެވޭ ތަކެތީގެ އަދަދުވެސް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ ފަރާތްތައް ގޭތެރޭގައި އާންމު ގޮތެއްގައި ކުޑަކުޑަ ތަންކޮޅެއްގައި ބޭނުންކުރާނީވެސް ކުދި އިކުއިޕްމަންޓް. ގޭތެރޭގައި 2 ގަޑިއިރުގެ ތެރޭގައި އެންމެ ކޭކެއް އެޅޭ ފަރާތްތައް އަޅުގަނޑުމެންގެ ކޯޝެއާޑް ކިޗަންއަށްގޮސް އިންޑަސްޓްރިއަލް އިކުއިޕްމަންޓް ބޭނުންކޮށްގެން އެއްކަލަ 2 ގަޑިއިރުގެ ތެރޭގައި 5 ކޭކު އެޅޭނެ ވަރުގެ މާހައުލެކޭ އަޅުގަނޑުމެން މި ޕްރޮވައިޑްކޮށްދެނީ. މިސާލަކަށް ގޭތެރޭގައި އިތުރު އާއިލީ ޒިންމާތައް އަދާކުރަމުން މަސައްކަތްކުރާ ފަރާތްތައްވެސް ހަމަ ކުޑަކުޑަ ވަގުތު ކޮޅެއްގައި އަޅުގަނޑުމެންގެ ކޯޝެއާޑް ކިޗަންއަށް ވަޑައިގަނެގެން ވިޔަފާރި އިތުރު ގުނައަކަށް އިތުރުކުރުމުގެ ފުރުސަތު އަޅުގަނޑުމެން މި ފަހިކޮށްދެނީ." ސާމިހް ވިދާޅުވިއެވެ.
ބީސީސީން އަޅާ ކޯޝެއާޑް ކިޗަން ހުންނާނީ ހުޅުމާލޭގައެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެކެވެ. 2017 ވަނަ އަހަރު ބީސީސީ އުފެއްދިނަމަވެސް ބީސީސީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ފަށައި ކުރިއަށްދާން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ. ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.