ވިޔަފާރި

ފެލިވަރު ތަރައްޤީގެ ބިޔަ މަޝްރޫއުގެ ބީލަން މަރުހަލާ ފަށައިފި


ޤައުމީ މަސްކުންފުނި މިފްކޯގެ މަސްބަންދުކުރާ ޅ. ފެލިވަރުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖްގެ ބީލަން މަރުހަލާ ފަށައިފިއެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސްވެރިން ބާނާ މަސްކިރުުވުމަށް ބޭނުންވާ ކެފޭސިޓީ ނެތުމަކީ މިފްކޯއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިޔަށް ގެންދާ ފެލިވަރުގެ މި ބިޔަ މަޝްރޫއާއެކު މިހާރު ދިމާވަަމުން އަންނަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ %48 އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ %37 އިތުރުވެގެންދާނެއެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި،
ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ 4000
ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ފްރީޒިންގ ފެސިލިޓީގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް ލިބޭ
އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް
ބޮޑަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްޤީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.