ވިޔަފާރި

މޯލްޑިވްސް ބޯޑަރ މައިލްސްއަށް ބައިމިލިއަން ފަތުރުވެރިން


މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި ބައި މިލިއަން ފަތުރުވެރިން ބައިވެރިވެއްޖެއެވެ. މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށްއައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ކުރިއަށް ގެންދާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުން ބުނެފައިވަނީ ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް ބައި މިލިއަން ފަތުރުވެރިން ބައިވެރިފައިވާ ކަމަށެވެ. މިއީ މި ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވްސް ބޯޑަރ މައިލްސްއިން ވަނީ ފާހަގަކޮށްފައެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑްއެވެ. ބޯޑަރ މައިލްސްއަށް ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޚާއްސަ އޮފަރތައް ތަޢާރަފްކުރަމުންނެވެ. އެގޮތުން ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާސިލްވުމުން މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް 26 އަށްވުރެ ގިނަ ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މި ޕްރޮގްރާމް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން އެކުންފުނިން ފޯރުކޮށްދޭނެއެވެ. އަދި އަގޯޑާ މެދުވެރިކޮށް ބުކިންހަދާ ފަރާތްތަކަށް ބޯޑަރ މައިލްސް ޕްރޮގްރާމުގައި ޕޮއިންޓް ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.