އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބާޒާރުކުރާއިރު ފޮތި ކޮތަޅު ބޭނުންކޮށްގެން ހަދިޔާ ލިބޭ ކެންޕެއިނެއް ލޯންޗްކޮށްފިއެވެ.
"ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް"ގެ ނަމުގައި މި ކެންޕެއިން ފަށާފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ބާޒާރުކުރުމަށް ފޮތިކޮތަޅު ބޭނުންކުރުން އާދަކުރުމެވެ. މިއީ ޕްލާސްޓިކް ނޫން ގޮތެއް މި ކެންޕެއިންގެ ދަށުން މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ، ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު ހިންގާ ހަރަކާތެކެވެ. މި ހަރަކާތުގައި އެސްޓީއޯ އަދި ދިރާގުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، ޕްލާސްޓިކް ނޫންގޮތެއް ހޯދަން ޖެހިފައިވާކަމަށެވެ.
މި ކެންޕެއިންގައި ބައިވެރިވުމަކީ އެސްޓީއޯއަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އަމްރު ވަނީ ފާހަގަކުރައްވާފައެވެ. އަމްރު ވިދާޅުވީ، އެސްޓީއޯއިން މިދިޔަ އަހަރުވެސް ޕްލާސްޓިކާއި ދެކޮޅަށް އެ ކުންފުނީގެ ހުރިހާ ފާމަސީތަކެއްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާފައިވާކަމަށެވެ. މިއާއިއެކު އަހަރެއްގެ މައްޗަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުގެ 1 މިލިއަން ކޮތަޅު ސަލާމަތްކުރެވުނުކަން އަމްރު ފަހަގަކުރެއްވިއެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމުން އެ އަދަދު 2 މިލިއަނަށް އަރާނެކަން އަމްރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ވަށައިގެންވާ އެންވަޔަރަމަންޓާއިއެކީގައި މަސައްކަތް ކުރެވޭތޯ. އަޅުގަނޑުމެން މިދިޔަ އަހަރު އިނީޝިއޭޓިވްއެއް ނެގިން އަޅުގަނޑުމެންގެ 189 ފާމަސީގައި، އަޅުގަނޑުމެންގެ ހުރިހައި ފާމަސީއެއްގައި ޕްލާސްޓިކް ކޮތަޅު ހުއްޓާލަން. އެގޮތުން އަޅުގަނޑުމެން މިހާރު ހުއްޓާލައިފިން އެ ސަލާމަތްކުރެވުނީ އަޅުގަނޑުމެންނަށް 1 މިލިއަން ބޭގްސް އަހަރަކު ކަނޑަށް ފޮނުވާނުލައި. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް އަހަރަކު 1 މިލިއަން ކޮތަޅު އަޅުގަނޑުމެން އެބަ ބޭނުންކުރަން. އެހެންވީމަ އަޅުގަނޑުމެން ޕްލާސްޓިކް ބޭގްސް މި 2ތަނުން ހުއްޓާލިއަސް އެއީ އަހަރަކު 2 މިލިއަން ޕްލާސްޓިކް ކޮތަޅު އަޅުގަނޑުމެންނަށް ރާއްޖެއަށް އެތެރެކުރުން އެ މަދުކުރެވުނީ." އަމްރު ވިދާޅުވިއެވެ.
މި ހަރަކާތް ފެށުމާއި ގުޅިގެން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައެވެ. މި ފޮތި ކޮތަޅުތަކުގައި އެންއެފްސީ ޗިޕްއެއް ވަނީ ހަރުކޮށްފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެއެވެ. އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެންދާނީ ރިވާޑްސް ނުވަތަ ހަދިޔާއަށެވެ. ހަދިޔާ ލިބޭނީ ދިރާގު ޑާޓާ، އަދި އެސްޓީއޯއިން 100 ރުފިޔާއާއި 500 ރުފިޔާއާއި ދެމެދުގެ ފައިސާގެ ތަކެއްޗެވެ.