ޚަބަރު

ޤަވާޢިދާ ޚިލާފަށް ބިމުން ފެން ބޭރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ އިޞްލާހު ފާސްކޮށްފި


ބިމުން ފެން ބޭރުކުރުމުގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވާ މީހުން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރީމަނާކުރެވޭގޮތަށް ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވާއިރު، މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ވިދާޅުވީ މި ބިލު މަޖިލީހުން ފާސްކުރީ މިނިސްޓްރީއާއި ސަރުކާރުގެ އިދާރާތަކުން ބޭނުންވި އިސްލާހުތަކާއެކުކަމަށެވެ. އަދި މިބިލުގެ ސަބަބުން ބައެއް ދަތިތައް ހައްލުވެގެންދާނެކަމަށްވެސް އެންވަޔަރަމަންޓުން މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް އިސްލާހު ހުށައެޅުއްވީ، ފެނާއި ނަރުދަމާގެ ޤާނޫނު ތަންފީޛުކުރުމުގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ޙައްލުކުރުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ. ޤާނޫނަށް މަޖިލީހުން ގެނައި އިޞްލާހުގައި ވަނީ ޤަވާއިދާއި ޤާނޫނާ ޚިލާފަށް ބިމުން ފެން ބޭރުކުރާ ފަރާތްތައް އެ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ފަސް ހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށެވެ.

އެންވަޔަރަމަންޓް ކޮމިޓީން ފާސްކުރި މި ރިޕޯޓަށް މަޖިލީހުގެ ތަޅުމުންވެސް ބައެއް އިޞްލާހު ގެނެސްފައިވެއެވެ. އެގޮތުން ފެން ޕްލާންޓެއް އޮޕަރޭޓްކުރަން ހުއްދަދޭއިރު، އެ ޕްލާންޓަށް ބޭނުންވާ ކަރަންޓު އިޢާދާކުރަނިވި ހަކަތައިން އުފެއްދޭނެ އިންތިޒާމެއް ހުރިކަން ކަށަަވަރުކުރަން ކަމާ ބެހޭ އިދާރާއަށް ލާޒިމުކުރުމަށް ހުށައެޅި އިޞްލާހުވެސް މަޖިލީހުންވަނީ ފާސްކޮށްފައެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނައި އިތުރު އިޞްލާހުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާކުރުމާއި ޤާއިމުކުރުމުގައި އެ ނިޒާމުތަކުން ޚިދުމަތް ދިނުމާބެހޭ ޤަވާއިދުތައް އެކުލަވާލުމަށާއި މިންގަނޑުތައް ކަމާގުޅުންހުރި މުއައްސަސާތަކުގެ މަޝްވަރާގެ މަތިން ކަނޑައެޅުމަށް ވަނީ ލާޒިމްކޮށްފައެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމްގެ ޤާއިމްކުރުމަށް ބޭނުންވާސާމާނު ޓެސްޓްކޮށް ސެޓިފައިކުރާނެ މިންގަނޑެއްވެސް އެކުލަވާލަންވާނެކަމަށް ބުނެފައިވެއެވެ.

ފެނާއި ނަރުދަމާގެ ޤާނޫނަށް ތަޅުމުންގެނައި އިސްލާހުތަކާއެކު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ވޯޓުންނެވެ.