ޚަބަރު

ބ.އޭދަފުށީގައި އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމް ކުރުމުގެ ފަހުސާވޭ ޖުލައިމަހު


ބ.އޭދަފުށީގައި އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ހަދާ އެންމެ ފަހުގެ ސާވޭ ޖުލައި މަހު ހެދުމަށް ނިންމާފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގަމުން އަންނަ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. މިމަޝްރޫގެ ދަށުން އޭދަފުށީގައި 1.5 މެގަވޯޓްގެ ކަރަންޓް އުފެއްދޭވަރުގެ ސޯލާ ސިސްޓަމެއް ޤާއިމް ކުރާނެއެވެ. ސޯލަރ ޕީވީ ޖެހުމުގެ އަމަލީ މަސައްކަތްކުރުމަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ޖިއޯޓެކްނިކަލް ސާރވޭގެ މަސައްކަތް ޖުލައި މަހު ފަށާނެކަމަށާ، އެއަށްފަހު އެކަމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭވަރުވާނެކަަމަށް މަސައްކަތުގެ ކޮންޓްރެކްޓަރާ ހަވާލާދީ އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވިއެވެ.

މި ޕެނަލްތައް ޖެހުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައި ހިއްކާފައި އޮތް ސަރަހައްދުގައެވެ. ހުޅަނގު ދެކުނު ފަރާތުން ފެށިގެން އިރުމަތީ ފަރާތަށް ވާގޮތަށް ބައިބަޔަށް ޖެހުމަށް ހަމަޖެހިފައިވާ މި ޕެނަލްތައް ހަރުކުރުމަށް ޖަހާ ފްރޭމްގައި ގާތްގަނޑަކަށް ނުވަފޫޓް ހުންނާނެކަމަށް ފާތިޙް ވިދާޅުވިއެވެ. އަދި އެސަރަހައްދުގައި މި ޕެނަލްތައް ހަރުކުރާނީ ރިވެޓްމަންޓުން ފެށިގެން ބޭރުމަގަށް މަގެއް ދޫކުރުމަށްފަހު ކަމަށް ފާތިޙް ވިދާޅުވިއެވެ.

"މިއީ ވަރަށް މުހިންމު އަދިއެހާމެ ބޭނުންތެރި މަޝްރޫއެއް. މިކަމުގެ ފައިދާ ފެންނާނީ ގިނަދުވަހުން މީގެ ފައިދާ ލިބެންފެށީމާ އޭގެން ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް މިބަލަނީ ހަމައެކަނި ބިމުކުލިންވެސް މަހެއްގެ މައްޗައް އެއްލަކަ ރުފިޔާ ލިބޭނެ" ފާތިޙް ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމަށް އެތައް ފަހަރަކު ތައްޔާރުވާކަމަށާއި މަސައްކަތް ނުފެށިލަސްވަމުން ދިއުމަކީ ރައްޔިތުންގެ އޮތް ކަންބޮޑުވުމެއްކަަމަށް އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިދާޅުވިއެވެ. މިކަންފެށުމަށް ރައްޔިތުންގެ ޚިޔާލު ހޯދާފައިވާއިރު މިކަމުގެ ސަބަބުން ފެނަކައަށާ ސަރުކާރު އަދި ކައުންސިލަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށް ފާތިޙް ވިދާޅުވިއެވެ.

އޭދަފުށީގައި މިހާރު ކަރަންޓް ފޯރުކޮށްދެނީ 300 ކިލޯވޮޓް އާއި 600 ކިލޯވޮޓް އާއި 800 ކިލޯވޮޓްގެ އިތުރުން 1 މެގަ ވޮޓްގެ ޖަނަރޭޓަރ ސެޓްތަކެއް މެދުވެރިކޮށެވެ. މިހާރު ދުވާލެއްގެ މައްޗައް 6000 ލީޓަރުގެ ޑީސަލް އަނދާއިރު މި ސިސްޓަމް ޤާއިމްވުމުން އެއަދަދު ބޮޑުތަނުން މަދުވާނެކަމަށް އޭދަފުށީ ފެނަކައިން ބުނެއެވެ.

"30 ފީފާ އަނދާނަމަ ދުވާލެއްގެ މައްޗައް އޭރުން އަނދާނީ 15 ފީފާ ޑިސަލް ވަރަށް ބޮޑަށް ދަށްކުރެވޭނެ. 30 ފީފާ. 50 އިންސައްތަ މަދުވާނެ." ފާތިޙް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި މި މަޝްރޫއު ފެށުމަށް ތައްޔާރު ވުމުގެ ގޮތުން އޭދަފުށީގެ ގޭބިސީ ތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރާއި، އެރަށުގެ މިހާރުގެ ކަރަންޓްގެ ޙާލަތު ހުރި ގޮތާއި، ކަރަންޓް ކެނޑޭ މިންވަރާއި، އަވިން ހަކަތަ އުފެއްދުމުން ލިބިދާނެ ލުއިފަސޭހަތައް ދެނެގަތުމަށް ވަނީ ސާވޭއެއްކޮށްފައެވެ. އެސާވޭއިން ދައްކާގޮތުން އޭދަފުށްޓަށް މަދުވެގެން 1.5 މެގަ ވޮޓްގެ ކަރަންޓް މިހާރު ބޭނުންވާނެއެވެ. އަދި ހިއްކާފައި އޮތް ސަރަހައްދުން ގެވަޅު ނުވަތަ ފްލެޓް އަޅައިގެން ދިރިއުޅެން ފަށައިފިނަމަ މިއަދަދު ދެގުނައަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.