ޚަބަރު

ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅައިފި


މިއަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިއަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސުލްޖުމްހޫރިއްޔާ އިތުރުކުރައްވާފައިވާކަމަށެވެ. އެއީ ފިތުރު އީދާ ދިމާކޮށް އަންނަ މެއި 5 ވަނަ ދުވަހާއި އަޟްހާ އީދާއި ގުޅިގެން އަންނަ ޖުލައިމަހުގެ 13 އަދި 14 ވަނަ ދުވަހާއި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައިމަހުގެ 28 ވަނަ ދުވަހެވެ.

ފިތުރު އީދާއި ގުޅިގެން ގެނައި ބަދަލާއެކު 5 މެއި ބަންދުކުރުމުން ފިޠުރު އީދު ބަންދަށް ލިބޭ ދުވަސް އިތުރުވާނެއެވެ. ކުރިން އޮތްގޮތުން އީދު ބަންދަށްފަހު ސަރުކާރު ހުޅުވާފައި ހުންނަ ދުވަހަކީ ބުރާސްފަތި ދުވަސް އެކަންޏެވެ. ނަމަވެސް މެއި 5 ވާ ބުރާސްފަތި ދުވަސް ބަންދުކުރުމާއި ގުޅިގެން ފިޠުރު އީދު ބަންދަށް އެއް ހަފްތާ ލިބޭނެއެވެ.

ޖުލައި މަހުގެ 13 އާއި 14 ބަންދުކުރުމަށް ނިންމެވުމުގެ ސަބަބުންވެސް އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭނެއެވެ. އަދި ޖުލައި މަހުގެ 28 ބަންދު ދުވަހެއްގެގޮތުގައި ކަނޑައެޅުމުން މިނިވަން ދުވަހާއި ގުޅިގެން ބަންދު ދުވަހުގެ ގޮތުގައި 5 ދުވަސް ލިބޭނެއެވެ.

ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މަސައްކަތްތެރިންނާއި އާއްމުންނަށް ލުއި ފަސޭހަކޮށްދިނުމުގެ މީގެ ކުރިންވެސް މިފަދަ ދުވަސްތައް ބަންދުކުރަމުންދެއެވެ.