ޚަބަރު

760 ޓަނު މަސް ފިނިކުރެވޭނެ ނިޒާމް 8 މަސްދުވަހުގެ ތެރޭގައި ނިންމޭނެ: މިނިސްޓަރ


މަސް ފިނިކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން 760 މެޓްރިކްޓަނުގެ ކެޕޭސިޓީ ޤާއިމްކުރުން ކުރިއަށް އޮތް އަށެއްކަ މަސްދުވަހުގެ ތެރޭގައި ހިންމާލެވޭނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި ފިޝަރީޒް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ ކޮމިޓީއަށް ޙާޒިރުކުރައްވާފައެވެ.

އެކޮމިޓީގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މަސް ނިކުރުވޭ މައްސަލަ ހައްލުކުރެވޭނީ ކެޕޭސިޓީ އިތުރުކޮށްގެންކަމަށެވެ. އެ މަސައްކަތް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާކަމަށް ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކޫއްޑޫގައި 3000 ޓަނާ ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިހާރު މަސްފިނިކުރެވެނީ 24 ގަޑިއިރު 240 ޓަނާއި ހަމައަށެވެ. މިނިސްޓަރ ވިދާލުވީ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢގެ ދަށުން 760 ޓަނު ދުވާލަކު ބްރައިން ފްރީޒް ކުރެވޭ ގޮތަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް 7 ނުވަތަ 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. މީގެ އިތުރުންވެސް ސައުދީ ފަންޑުގެ އެހީގައި ހިންގާ މަޝްރޫޢުވެސް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭގޮތް ވަނީ ނުވެފައެވެ. މިފްކޯއިން ވަނީ މަސްވެރިންގެ އަތުން މަސްގަންނަ އަދަދު ލިމިޓްކޮށްފައެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވީ، މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މަސްނުކިރުވޭ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް މަސްކިރާ ބޯޓުތަކެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. ފަހަރު މަސްވެރިކަން ކުއްލިއަކަށް ރަނގަޅުވީ އަންދާޒާ ކުރި ގޮތަށް ނޫންކަމަށާއި، އެހެންކަމުން މަސް ކިރޭނެ ކަން ކަށަވަރުކުރަން އިތުރު ބޯޓުތަކެއް ކުއްޔަށް ނެގުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެލިވަރާއި ކޫއްޑޫގެ އަޕްގްރޭޑިން މަސައްކަތްތައް އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާކަމަށް ވިދާލުވިއެވެ. އެގޮތުން ފެލިވަރު އަޕްގްރޭޑިންގެ މަސައްކަތް 2023ގެ ފަހު ކުއާޓަރުގައި އަދި ކޫއްޑޫ އަޕްގްރޭޑިންގެ މަސައްކަތް 2024ގައި ނިމޭނެކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މަޝްރޫޢުތަކާއެކު 9500 ޓަނުގެ ކޯލްޑްސްޓޯރޭޖް ޤާއިމްކުރެވޭ މިންވަރަށް ކެޕޭސިޓީ އިތުވާނެކަމަށެވެ.

ކޫއްޑޫގައި މިހާރު ޤާއިމްކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރެވިގެންދާނެއެވެ.

މީގެއިތުރުން ގދ. ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި މ. މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.