ޚަބަރު

މަޖިލީހުގެ ދުވަސްވީ ލިޔެކިއުންތައް، ގިނަދުވަހަށް ދެމެހެއްޓުމުގެ މަސައްކަތް ފަށައިފި


ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ގިނަ ދުވަސްވީ ލިޔެކިއުންތަކާއި، އެކިއެކި ޔައުމިއްޔާތަކާއި މަޖިލީހުގެ ކަންކަން ހިންގަމުންދިޔަގޮތުގެ ލިޔުންތައް އަދިވެސް ފެންނަން އެބަހުއްޓެވެ.

ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވި މެންބަރުން ސޮއިކުރައްވާފައިވާ އެތައް ފޮތެއް އަދިވެސް މަޖިލީހުގެ އިދާރާގައި އެބަހުއްޓެވެ. އެތައް އަހަރުތަކެއް ވެފައިވާ އެ ލިޔެކިއުންތައް ރައްކާތެރިގޮތުގައި ނުބެލެހެއްޓޭނެކަމަށް ކުރިން ހީކުރެވުނަސް، މިހާރު އެކަމަށް މިވަނީ ނިމުމެއް އައިސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގިނަ ދުވަސްވީ ލިޔެކިއުންތަކާއި، އެކިއެކި ޔައުމިއްޔާތަކާއި މަޖިލީހުގެ ކަން ހިންގަމުންދިޔަގޮތުގެ ލިޔުންތައް ކުރިއަށްއޮތް ޖީލުލަތަކަށް ފެންނާނެހެން ޒަމާންތަކަކަށް ދެމިގެންދާނެގޮތަށް އެތަކެތި ރައްކާތެރިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން ދުވަސްވީ ލިޔެކިޔުންތައް ނަގައި އެ ތަކެތީގެ ހަލާކުވެފައިވާ ތަންތަން ބައްދާ، އަލުން އެތަކެތި ސާފުކޮށް އައު ކަރުދާހަށްލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކަވި އަދި ބުރަ ބޮޑު މިމަސައްކަތް ކުރަނީ މަޖިލީހުގެ ލައިބްރަރީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

މި ލިޔެކިޔުންތައް ސާފުކޮށް އެތަކެތީގެ ހަލާކުވެފައިވާ ތަންތަން ބެއްދުމަށް ގިނަ ވަގުތުތަކެއް ނަގައެވެ. ނަަވެސް ބޭނުންކުރަނީ ރާއްޖެއިން ލިބެން ހުރި ތަކެއްޗެވެ. އެގޮތުން ފެނާއި ބޭކިންގ ކަރުދާހާއި ތެރަހާއި އެތަނޯލް ބޭނުންކޮށްގެން ލިޔެކިއުންތައް ރައްކާތެރިކުރުމުގެ މަސައްކަތް އެ މުވައްޒަފުން ކުރަނީ ވަރަށް ޝަޢުގުވެރިކަމާއެކުއެވެ.

"އަޅުގަނޑުމެން ލައިބްރަރީން މިހާރު ކުރާ މަސައްކަތަކީ ކުރީގެ މިތާހުރި ބައެއް ޑޮކިއުމަންޓްސް އެއްޗެހި ރީސްޓޯ ކުރުން. އެހެން މިދެންނެވީ އަޅުގަނޑުމެން އެ އެއްޗެހި މިހާރު ނަގައިގެން އެކީގަ ރޫޅާލާ އެ ކަރުދާސް ދޮވެ އަދި ސާފުކުރުމަށްފަހު ވެޕެނިންގ ޓިޝޫކިޔާ އެއްޗެއް ތަތްކޮށް އެކަންތައްކޮށްފައި އަޅުގަނޑުމެން އެ ޕްރޮސެސް މިހާރު މިކުރިއަށްދަނީ." ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ޑިރެކްޓަރ މަހާސިން އަޙްމަދު ދީދީ ވިދާޅުވިއެވެ.

މަހާސިން ވިދާޅުވިގޮތުގައި އެ ލިޔެކިޔުންތަކަކީ ޒަމާންވީ ތަކެއްޗަށް ވެފައި މިހާތަނަށް ރައްކާތެރިކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވުމުން އެއީ ނުވާނެކަމެއްކަމަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ އިސްނެންގެވުމާއެކު ފަށާފައިވާ މި މަސައްކަތަށް ޚައްޞަ ތަމްރީން ލިބިގެން ކުރަން ފެށުމުން މިއީ ކުރެވިދާނެކަމެއްކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި އެހެންފަރާތްތަކަށްވެސް މަސައްކަތް ދަސްކޮށްދެވިދާނެކަމަށެވެ.

"ކުރިން ނުކުރެވޭނެކަމަށް ހީވެފައިއޮތަސް މިއީ ކުރެވޭނެކަމެއްކަން މިހާރު އެނގޭކަމަށް. މިއީ ރާއްޖެއިންވެސް ލިބެންހުރި އެއްޗެހިކަަށް. ރޮކެޓް ސައިންވެސް ނޫން. ބޭނުންވަނީ ޝަޢުގުވެރިކަމާއެކު ކުރާނެ ބައެއް." މަހާސިން ވިދާޅުވިއެވެ.

މަޖިލީހުގެ ވިސްނުން ހުރީ ހުރިހާ ލިޔުންތަކެއް ރައްކާކުރުމުގެ މަސައްކަތްވެސް އިންހައުސްކޮށް ނުވަތަ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގެ އިދާރައިން ފެށި މިމަސައްކަތާއެކު އެ ލިޔެކިއުންތައް ޖީލުތަކަކަށް ދެމިގެންދާނެއެވެ. މަޖިލީހުގެ އިދާރާއިން ވަނީ ވަރަށް ކުރީއްސުރެ އުފެދިގެން އައި ޤާނޫނުތައް ފެންނަގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާ އަދި ޑިޖިޓަލް އަރކައިވްވެސް މިދިޔަ އަހަރުގެ ތެރޭގައި އިފްތިތާހްކޮށްފައެވެ.

މަޖިލީހުގެ ޑިޖިޓަލް އާކައިވްގައި ހިމެނޭ ބައެއް ތަކެތީގެ ތެރޭގައި ދިވެހި ރައްޔިތުންގެ މަޖިލީހުގެ ތާރީޚާއި، މަޖިލީހުގެ ތާރީޚުގައި މިހާތަނަށް ބޭއްވި ޖަލްސާތަކާއި، އިއްވާފައިވާ ރިޔާސީ ބަޔާންތަކާއި، އަހަރީ ބަޖެޓުގެ މަޢުލޫމާތުތައް ހިމެނެއެވެ. މީގެއިތުރުންވެސް މުހިންމު އެހެނިހެން މަޢުލޫމާތުތައްވެސް އެބަހުއްޓެވެ. އަދި މަޖިލީހުގެ ތާރީޚާއި މަސައްކަތާއި ގުޅުންހުރި މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާކައިވް ބޭނުންކުރެވޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ.

ޑިޖިޓަލް އަރކައިވްގެ އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން އަންނަނީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކުތުބުޚާނާއިން ލިބެން ހުރި މަޢުލޫމާތުތައް ބެހިގެންވަނީ މައިގަނޑު 4 ދާއިރާއަކަށެވެ. އެއީ، ޢާންމު މަޢުލޫމާތު، ރިފަރެންސް، ދިވެހިރާއްޖެއާ ގުޅުންހުރި މަޢުލޫމާތު އަދި ޚާއްޞަ ކަލެކްޝަންތަކަށެވެ. ޚާއްޞަ ކަލެކްޝަންތަކުގެ ދަށުން ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތަކާ ގުޅުންހުރި މަޢުލޫމާތުތަށް ހިމެނެއެވެ.