ކުޅިވަރު

ޒުވާން ޓީމަކާއެކު ސެމީއަށް ނިކުތުމަކީ ގޮންޖެހުމެއް- ކޯޗު


ޒުވާން ޓީމަކާއެކު ސެމީ ފައިނަލަށް ނިކުތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ. ބަންގްބަންދު ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި މާދަމާ ނޭޕާލާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޤައުމީ ކޯޗް ރިކީ ހާބަޓް ބުނީ ސެމީ ފައިނަލް މެޗްގައި ކޮންމެ ޓީމަކާ ދެކޮޅަށް ނިކުންނަން ޖެހުނަސް މައްސަލައެއް ނެތްކަމަށާ ރާއްޖެއިން އަބަދުވެސް ވިސްނާނީ މިމުބާރާތުގައި ދައްކަމުންދާ މޮޅު ކުޅުން ތަކުރާރުކޮށް މެޗް ކާމިޔާބުކުރުމަށް ކަމަށެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް ދެވަނަ މެޗްގައި ނޭޕާލާ ދެކޮޅަށް ނިކުންނައިރު، ރާއްޖޭގެ ޓީމް އޮތީ ވަރަށް ފިޓްކޮށްކަމަށާ ޚާއްސަކޮށް މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ވާކަމަށްވެސް ޤައުމީ ކޯޗް ރިކީ ހާބަޓް ބުންޏެވެ. ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށް، ސެމީފައިނަލް ފަދަ ބޮޑު މެޗަކަށް ރާއްޖޭގެ ޓީމް ނިކުންނައިރު ރާއްޖޭގެ ޓީމްގައި ތިބި ގިނަ ޒުވާން ކުޅުންތެރިންނަކީ މިފަދަ ވަރުގަދަ މެޗަކަށް އަދި މުޅިންއާ ކުޅުންތެރިންތަކެއް ކަމަށްވެސް ޤައުމީ ކޯޗް ރިކީ ހާބަޓް ބުންޏެވެ." ސެމީ ފައިނަލް މެޗް ފަހަރެއްގައި އާ ކުޅުންތެރިންނަށް އިތުރު ޕްރެޝަރަކަށް ވެދާނެ. އަދި ޚާއްސަކޮށް މިފަދަ މެޗަކަށް ތައްޔާރުވުމަށް ގިނަ ކުޅުންތެރިން އަދި ވަރަށް އާ. މިއީ ކޯޗެއްގެ ޙައިސިޔަތުން އަހަންނަށް ވަރަށް އުފާވެރިކަމެއް. އެއީ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން އުފެދި އެއް ކުޅުންތެރިއަކަށް ވުރެ އަނެއް ކުޅުންތެރިއަކު ރަގަނޅުވުމަށް މަސައްކަތް ކުރާނެތީވެ. އަހަރެމެން މިމެޗަށް ވަރަށް ފުރިހަމައަށްވަނީ ތައްޔާރުވެފަ. އެއްވެސް އަނިޔާގެ މައްސަލައެއްވެސް ނެތް." ކޯޗު ބުންޏެވެ.ޤައުމީ ޒުވާން ޓީމްގެ ކެޕްޓަން އައްސަދު އަލީ ބުނީ ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗްތަކާ އަޅާބަލާއިރު، މިއީ ވަރަށް ތަފާތު މެޗެއްކަމަށާއި ޚާއްސަކޮށް ނޮކްއައުޓް މެޗަކަށްވެފައި، މެޗްގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. ޒުވާން ޓީމަކަށްވާއިރު، ކޮންމެ ކުޅުންތެރިއަކުވެސް ވިސްނަނީ ރަނގަޅު ކާމިޔާބީއެއް ހޯދަން ކަމަށް އަސްއަދު ބުންޏެވެ. އަދި ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވަނީ ސެމީ މެޗް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރުމަށް ކަމަށް އައްސަދު ބުންޏެވެ."ވަރަށް ޒުވާން ޓީމެއް އައިސް ސެމީއާ ހަމައަށް ދެވުމުން ވަރަށް ހިތްހަމަޖެހޭ، ހާއްސަކޮށް ވަރަށް ޒުވާން ޓީމެއް މިމުބާރާތަށް އައިސް މިހާތަނަށް ހޯދާފައިވާ ކާމިޔާބީއަށްވެސް ވަރަށް ހިތްހަމަޖެހޭ" އަސްއަދު އަލީ ބުންޏެވެ.ސެމީފައިނަލްގައި ރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 4:30 ގައި. މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.