ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދެއްވައި މުލީއާގޭގައި އެކުދިންނާއެކު ވަގުތު ހޭދަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްވި ރޯދަ ވިއްލުން އޮތީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައެވެ. ރައީސްގެ ދެކަނބަލުން ވަނީ އެކުދިންނާއެކު މުލިއާގެ ގޯތިތެރޭގައި ބައެއް ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއެކު ރައީސްގެ ދެކަނބަލުން ވަގުތުކޮޅެއް ހޭދަކުރައްވާފައިވާއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ އަޅާލުމާއި މުޖުތަމަޢުގެ ބައިވެރިވުން ލިބިގެން ބޮޑުވާ ބަޔަކަށް ހެދުމަކީ ސަރުކާރުން މުހިންމު އަމާޒެކެވެ. އުފާވެރި މާޙައުލެއްގައި ހިތްހަމަޖެހިގެން ބޮޑުވުމަކީ ކޮންމެ ކުއްޖެއްގެވެސް ޙައްގެއްކަމަށް މިސަރުކާރުން ދެކޭކަމަށާއި އެކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 200 އަށްވުރެ ގިނަކުދިން ދަނީ ބަލަހައްޓަމުންނެވެ. މީގެ ތެރޭގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ކުދިންވެސް ހިމެނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައީސްގެ ދެކަނބަލުން ދެއްވި ރޯދަ ވިއްލުމުގައި، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބައިތިއްބާ 2 މަރުކަޒު ވިލިމާލެއާއި ހުޅުމާލޭގައި ހުންނައިރު މިދެތަން ޚާއްސަވެފައި ވަނީ ދެ ޢުމުރުފުރައިގެ ކުދިންނަށެވެ. އެގޮތުން 9 އަހަރުން ދަށުގެ ކުދިން ހުޅުމާލޭ ފިޔަވަތީގައި ތިބޭއިރު އެއަށްވުރެ ބޮޑު ކުދިން ބަލަހައްޓަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައެވެ. މުޖުތަމަޢުގެ ބައިވެރިވުން ލިބޭނެފަދަ މާޙައުލެއް އެކުދިންނަށް ޤާއިމުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަމާން ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ބައެއް ކުދިން ވަނީ އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ އަމާން ހިޔާއަށް ބަދަލުކޮށްފައެވެ.