ޚަބަރު

އަންހެން ކައުންސިލަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިމާވާ މައްސަލަތައް ދެނެގަތުމަށް ޤަރާރެއް


އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲއެވެ. އީވާ ހުށަހެޅުއްވި ޤަރާރުގައި ބުނަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރެވި އަންހެނުންގެ ބައިވެރިވުމާއި އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން %33 އަންހެނުންނަށް ޚާއްޞަކުރެވިގެން ޤާނޫނު އިޞްލާޙު ކޮށްފައިވާއިރު، ޤާނޫނުގެ މަޤްޞަދާ އެއްގޮތަށް އަންހެން ކައުންސިލަރުން ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ޤާނޫނު ސިފަކުރިގޮތަށް، އެ ޤާނޫނުގެ ރޫހުގައި މަސައްކަތްކުރެވޭތޯ ކަށަވަރު ކުރަންޖެހޭކަމަށް ޤަރާރުގައިވެއެވެ.

އަންހެން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހައްދަވައިދެއްވުމަށް އީވާގެ ގަރާރުގައި ވަނީ ގޮވާލާފައެވެ.