ދުނިޔެ

އެއްބަސްވުމުގެ ދަށުން އިރާނުން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފި


އީރާނުގެ ނިއުކްލިޔަރ މައްސަލަ ޙައްލު ކުރުމަށްޓަކައި އެޤައުމާއި ދުނިޔޭގެ ބޮޑު 6 ބާރާއި ދެމެދު ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމުން ތަންފީޒުކުރުމުގެ ގޮތުން އީރާނުން ކުރަންޖެހޭ އެންމެހާ ކަންކަން އެޤައުމުން ފުރިހަމަ ކޮށްފައިވާކަން އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ - އައި.އޭ.އީ.އޭ އިން ހާމަކޮށްފިއެވެ.އައި.އޭ.އީ.އޭ ގެ ވެރިޔާ ޔުކިޔާ އަމާނޯ ސޮއިކުރައްވައި އެ އެޖެންސީއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ބޮޑު 6 ބާރާއިއެކު އީރާނުން ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް އީރާނުން ފުރިހަމައަށް އަމަލު ކޮށްފައިވާ ކަމަށެވެ. އައި.އޭ.އީ.އޭ އިން މިރިޕޯޓް ނެރެފައިވަނީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި އެގައުމުން ކުރަންޖެހޭ ކަންތައްތައް ކޮށްފައިވޭތޯ ބެލުމަށް އެ އެޖެންސީގެ ތަޖްރިބާކާރުން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ވަޑައިގެން ކުރެއްވި ތަހްޤީގް ތަކަށްފަހުއެވެ. އައި.އޭ.އީ.އޭގެ މިރިޕޯޓަކީ ނިއުކްލިޔަރ މައްސަލައިގައި އީރާނާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ބޭނުންވާ ފެހި ސިގްނަލްކަމަށް ބެލެވިފައިވެއެވެ.އައި.އޭ.އީ.އޭ ގެ ބަޔާނަށްފަހު އެ އެޖެންސީގެ ޑައިރެކްޓަރ ޖެނެރަލް ޔުކިޔާ އަމާނޯ ވިދާޅުވީ މި ރިޕޯޓަކީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި އީރާނުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ފުރިހަމައަށް ކޮށްފަައިވާ މިންވަރު ބެލުމަށް ފޮނުވި ޓީމުން ބެލި ބެލުމުން އެޓީމަށް ފެނުނު ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. މިރިޕޯޓް ނެރުނީ މިއެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުންއީރާނުން ކުރަންޖެހޭކަންތައްތައް ފުރިހަމަކޮށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން މިއެޖެންސީގެ އިނިސްޕެކްޓަރުން ބަލައި ތަހްޤީގު ކުރުމަށްފަހު ކަމަށެވެ.އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ - އައި.އޭ.އީ.އޭގެ ވެރިޔާ ޔުކިޔާ އަމާނޯ މިއަދު އީރާނަށް ޒިޔާރަތް ކުރައްވާނެކަންވެސް ހާމަކުރައްވާފައިވެއެވެ. އައި.އޭ.އީ.އޭގެ މި ރިޕޯޓާއި ގުޅިގެން އީރާނާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން ރަސްމީ ސިފައެއްގައި އެޤައުމުން މިހާރު ވަނީ އިޢުލާންކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވީ ނިއުކްލިޔަރ އެއްބަސްވުން ތަންފީޒުކުރުމަށް އީރާނުން ކުރަންޖެހޭ އެންމެހާ ކަންކަން އެގައުމުން ކޮށްފައިވާކަމަށެވެ. މިއާއިއެކު އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އެތަށް ލިޔުމެއްގައި ކެރީ ސޮއިކުރައްވާފައިވާކަން އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިއަކު ކަށަވަރު ކޮށްދެއްވާފައިވެއެވެ.އީރާނާއި ދެކޮޅަށް ސިލްސިލާ ގޮތެއްގައި އެމެރިކާއިން އަޅާފައިވާ އިގްތިސާދީ މާލީ އަދި މަދަނީ ޓެކްނޮލޮޖީގެ އެންމެހާ ފިޔަވަޅުތައް އުވާލުމުގެ ރިޔާސީ އަމުރުތަކުގައި ރަސްމީގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ސޮއިކުރައްވާފައެވެ. ވައިޓް ހައުސްއިން ބުނީ މި ރިޔާސީ އަމުރުތަކުގައި އޮބާމާ ސޮއިކުރެއްވުމާއިއެކު އީރާނާއި ދެކޮޅަށް އެމެރިކާ ސަރުކާރުންނާއި ކޮންގްރެސްއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ކަންތައްތައް ތަންފީޒުކުރެވިގެން ދާނެކަމަށެވެ. އައި.އޭ.އީ.އޭގެ ރިޕޯޓާއި ގުޅިގެން ވިލާތުގެ އިއްތިޙާދުންވެސް ވަނީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތް ފެށިއްޖެކަން އިއުލާންކޮށްފައެވެ. ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާބެހޭ ވެރިޔާ ފެޑެރިކާ މޮގިރީނީ ވިދާޅުވީ ނިއުކްލިޔަރ މައްސަލައާއި ގުޅިގެން ވިލާތުގެ ގައުމުތަކުން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތް މިހާރު ފެށިއްޖެ ކަމަށާއި މަދު ދުވަސްތަކެއްގެ ތެރޭގައި މި ހުރިހާ ފިޔަވަޅުތަކެއް އުވާލެވިގެން ދާނެކަމަށެވެ.