ދުނިޔެ

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ބެހޭ ގޮތުން މަޝްވަރާ ކުރަނީ


އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އީރާނާ އެމެރިކާއާއި ވިލާތުގެ އިސް އޮފިޝަލުން އޮސްޓްރިއާގެ ވެރިރަށް ވިއޭނާގައި މިއަދު ބައްދަލުކުރައްވާނެއެވެ.މިބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފާއި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ މިހާރު ވިއޭނާއަށް ވަޑައިގެންފައިވާ ކަމަށް ޚަބަރު ލިބެއެވެ. މި ބައްދަލުކުރެއްވުމަކީ، އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެޤައުމުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގައި މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްޞީލުތައް ބެލުމަށް ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެއެވެ.އީރާނާއި ދުނިޔޭގެ ބާރުތަކާއި ދެމެދު ޤާއިމުކޮށްފައިވާ އެއްބަސްވުމަށް އީރާނުން ދާދި އަވަހަށް ޢަމަލުކުރަން ފަށާނެ ކަމަށް ޚަބަރު ލިބެއެވެ.