ޚަބަރު

ތިލަމާލެ ބްރިޖް: ފައުންޑޭޝަން މަސައްކަތް އަހަރު މެދުތެރޭގައި ފަށަނީ


ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖު މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ބޯހޯލް ތޮރުފުމުގެ މަސައްކަތްކަމަށާއި، އެއަށްފަހު ފައުންޑޭޝަން މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބްރިޖު މަޝްރޫޢަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާރވޭގެ މަސައްކަތްތައްވެސް މިހާރުދަނީ ކުރަމުންނެވެ.

ބްރިޖުގެ ޢަމަލީ މަސައްކަތް ޖުލައި ހިސާބުގައި ފެށޭނެ:


ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. އެއާއެކު ބްރިޖްގެ މުހިންމު ސަރވޭގެ މަސައްކަތްތައް ފަށައިގެންދަނީ ކުރިއަށެވެ. މިހާރުވެސް މާލެއާއި ވިލިމާލޭގެ ކަނޑުއޮޅިތަކުގައި ޕްލެޓްފޯމްތައް ޖަހާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބްރިޖް މަޝްރޫޢުގާއި ގުޅޭ އެންމެ ފަހުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ، މިހާރު ކުރިއަށްދަނީ މަޝްރޫޢަށް ބޭނުންވާ ސާރވޭގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކަމަށެވެ. އޭނާ ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުވަތަ ފައުންޑޭޝަންގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށޭނެކަމަށެވެ. ފައުންޑޭޝަންގެ މަސައްކަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުން ކަމަށް ޖިނާން ވިދާޅުވިއެވެ.

"ފައުންޑޭޝަންގެ މަސައްކަތް ފެށޭނެކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ މިއަހަރުގެ މެދެއްހާ ހިސާބުގަ. އެ މަސައްކަތް އެންމެ ފުރަތަމަ ފަށާނީ މާލެ ސަރަހައްދުން. މިހާރު އެފެންނަނީތާ މާލެއާ ވިލިގިއްޔާ ގުޅިފަޅާ ތިލަފުށި ވަރަށް ބައިވަރު ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތްކުރަމުންދާތަން. އެއީ އަސްލު ގްރައުންޑް އިންވެސްޓިގޭޝަންގެ މަސައްކަތް. އެއީ މިކިޔާ ބޯހޯލް ތޮރުފުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ."މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވިއެވެ.

ބްރިޖުގެ ބޮޑުބައި އަންނަ އަހަރު ނިމޭނެ:


މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ.

ޖިނާން ވިދާޅުވީ، ބްރިޖު މަޝްރޫޢަށް ބޭނުންވާ މެޝިނަރީތައް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. ބްރިޖު މަޝްރޫޢު ރޭވިފައިވާ ގޮތް ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ، ބްރިޖު މަޝްރޫޢު މާލެއިން ގުޅިފަޅަށް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހަށްކަމަށެވެ. އަދި ގުޅީފަޅުން ފެށިގެން ތިލަފުއްޓަށް ނިންމާލެވޭނެކަމަށް ލަފާކޮށްފައިވަނީ 2024 ގެ މެއިމަހުގެ ނިޔަލަށްކަމަށެވެ.

"މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓަރުގެ ސައިޓް ރެޑީކުރުމުގެ މަސައްކަތް މާލެ ކޮޅުގަ. ދެން ގުޅީފަޅުގައި ކުރިއަށްދަނީ ކާސްޓިންގ ޔާޑާ މަސައްކަތަށް ބޭނުންވާ އެހެން ފެސިލިޓީތައް ޤާއިމްކުރުމުގެ މަސައްކަތް. ދެން މައިގަނޑުގޮތެއްގައި ކުރިއަށްދަނީ މަސައްކަތަށް ބޭނުންވާ ބޮޑެތި މެޝިނަރީތައް މާލެ ގެނައުމުގެ މަސައްކަތް." މުޙައްމަދު ޖިނާން ވިދާޅުވިއެވެ.

ބުރިޖްގެ އެންމެ މުހިންމު މަސައްކަތަށް ބޭނުންވާ ބާޖު ވަނީ ގެނެސްފައި:


ތިލަމާލެ ބްރިޖްގެ އެންމެ މުހިންމު ސަރވޭތައް ކުރުމަށާއި، ފައުންޑޭޝަންގެ މަސައްކަތްތަކަށް ބޭނުންވާ ބާޖު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ބާޖަކީ ބްރިޖްގެ ތަނބުތަކުގެ މަސައްކަތުގައިވެސް ބޭނުންކުރާނެ އުޅަނދެކެވެ. އެގޮތުން ކަނޑު އަޑީގެ އޮއިވަރާ ގުޅޭ ސަރވޭތަކާއި، އަދި ކަނޑުގެ އަޑިއަށް ޖަހާ ތަނބުތަކާއި ގުޅޭ ސަރވޭތައް މި ބާޖު ބޭނުންކޮށްގެން ދަނީ ކުރަމުންނެވެ.

"އެ ބޯޓަކީ ޑީޕް އޭރިއާތަކުގައި ވޯކް ކުރަން ގެނައި އެއްޗެއް. ޑީޕް އޭރިއާތަކުގައި ކުރަންޖެހޭ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތް އޭގެން އެންމެ ފުރަތަމަ ކުރާނީ. ދެން އޭތި ބޭނުންކުރާނީ ޑީޕް އޭރިއާތަކުގައި ފައުންޑޭޝަން މަސައްކަތްތަކަށް." ޖިނާން ވިދާޅުވިއެވެ.

ބްރިޖާއެކު އިޖްތިމާޢީ މައްސަލަތަކަށް ހައްލު:


މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ނިމޭނީ ގިރާވަރު ފަޅާހަމައިންކަމަށެވެ. ރައީސް އިޢުލާންކުރެއްވީ ގިރާވަރު ފަޅު ހިއްކައި އެތަނުން ގޯތި ދިނުމަށެވެ. އަދި މި މަސައްކަތް މުޅިން ނިމޭއިރު ގިރާވަރު ފަޅުވެސް، މި ކަނެކްޓިވިޓީން ގުޅާލެވޭނެކަމަށެވެ.

ތިލަމާލެ ބްރިޖްގެ އެންމެ ބޮޑު ބޭނުމަކީ ގުޅީފަޅާއި ތިލަފުށީ ސިނާޢީ ހަބުތަކަށް ބަދަލުވަމުން އަންނައިރު، މި ސަރަޙައްދަށް ބޭނުންވާ އިޤްތިޞާދީ ކުރިއެރުމަށް އެހީވުމެވެ. އަދި ގުޅީފަޅުގައި މީހުން އާބާދު ކުރައްވާނެކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.