ޚަބަރު

ނަތީޖާ ނެރެވޭނީ އުންމީދާއި އެއްވަރަށް އޭސީސީގެ ދުވެލި އަވަސްވެގެން


ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެންދާ އެއް މުއައްސަސާއަކަށް ވެގެން ގޮސްފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަންއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޤާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ޤާނޫނީ މިނިވަން ޝަޚްސެކެވެ.

އެސީސީގެ ޒިންމާއާއި މަސްއޫލިއްޔަތުގެ ތެރެއިން އެންމެ ބޮޑު ޒިންމާއެއް އޮތީ ކޮރަޕްޝަން ހުއްޓުވުމާއި، މީގެ ކުރިން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ކަންކަން އަދުލުވެރިކަމާއެކު ބެލުމެވެ. ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ކޮރަޕްޝަންގެ މައްސަލަތައް ބަލައި އިންސާފު ހޯދައި ދިނުމެވެ. ނަމަވެސް ސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު އެކުލަވާލި ކޮމިޝަނަށް އެދެވޭ ނަތީޖާތަކެއް ހާސިލް ނުކުރެވި މުޅި ކޮމިޝަން އެކީ ވަނީ އިސްތިއުފާ ދީފައެވެ.

އޭސީސީގެ މެމްބަރުންގެ މައްޗަށް ކުރެވިގެން ދިޔަ އެންމެ ބޮޑު ތުހުމަތުތަކަކީ، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭކަމުގެ ތުހުމަތެވެ. މަސައްކަތް ލަސްވާ ކަމުގެ ތުހުމަތު ތަކެވެ. ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތާއި، ނިމިދިޔަ ވެރިކަމުގެ ތެރޭގައި ހިނގާދިޔަ ކޮރަޕްޝަންގެ އެތައް މައްސަލައެއް ފުނިޖެހިފައި ހުރެ އެކަންކަމަށް އެކަށީގެންވާ އިންސާފު ނުލިބުމަކީ އޭސީސީގެ އޭރުގެ މެމްބަރުންގެ އިތުބާރު ކުޑަވެގެން ދިޔަކަންކަމެވެ.

އޭސީސީގެ އޭރުގެ މެމްބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރެއިން މަޖިލީހުގެ މެމްބަރުންނާއި އާންމު ރައްޔިތުންގެވެސް އެންމެބޮޑު ކަންބޮޑުވުމަކަށް އޮތީ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ގޮތަށް ނުބެލޭކަމުގެ ޝަކުވާއެވެ. ނަމަވެސް ކޮމިޝަންގެ މެމްބަރުން ވަނީ ހިންގުން ހަރުދާނާކޮށް ރަނގަޅު މަސައްކަތްތަކެއް ކުރުމަށް އަމާޒުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ޕޮލިސީއެއް އެކުލަވާލައި ޢަމަލުކުރަން ވަނީ ފަށާފައެވެ. މި ޕޮލިސީއަކީ، ކުރިއަށް އޮތް 5 އަހަރަށް އަމާޒުކޮށް ކޮރަޕްޝަނާ ދެކޮޅަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭނެފަދަ ސިޔާސަތުތަކެއް ހިމަނައިގެން އެކުލަވާލި ޕޮލިސީއެކެވެ.

އަލަށް އައްޔަން ކުރެވުނު މެމްބަރުންނާއިއެކު ކުރެވޭ އުންމީދު:


ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ޚިލާފަށް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހަވާލުވެފައިވާ ޒިންމާއަކީ، އަޑިނޭގޭ އެތައް ކަމެއް ތަހުގީގު ކުރުމުގެ ޒިންމާއެވެ. މިޒިންމާތަކުގެ ތެރެއިން މިހާރު އައްޔަން ކުރެވުނު ކޮމިޝަނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާންތަކެއް ވަމުންދާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކަށް އިންސާފު ހޯދުމެވެ. ކޮމިޝަންގައި ގޮތެއް ނުނިމި ހުރި މައްސަލަތަކަށް އިންސާފު ހޯދުމެވެ.

ވައްކަމާއި ކޮރަޕްޝަންގެ އެއްވެސް އަމަލަކަށް ޖާގަ ނުލިބޭނެ ގޮތަކަށް ތަހުގީގުތައް އަވަސްކޮށް، ދައުވާ ކުރުމަށްޓަކައި، މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމަކީ މިހާރު އޮތް ކޮމިޝަންގެ އެންމެ ބޮޑު ޒިންމާއެވެ. އަންނަ ކޮންމެ ބަދަލަކީވެސް، އެބަދަލަކާއިއެކު ތަފާތުތަކެއް ފެންނާނޭ ކަމަކަށް ވެގެންދިއުމަކީ ދުނިޔޭގެ ތަބައީ އުސޫލުކަމަށް ވުމާއެކު، ގިނަބަޔަކު ތިބީ ހެޔޮ ބަދަލެއްގެ އުއްމީދުގައަވެ.

އޭސީސީގެ މަސައްކަތްތަކަށް ޕީޖީގެ ފުރިހަމަ އެއްބާރުލުން:


އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ކާމިޔާބުވުމަކީ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް އެންމެ މުހިންމު އެއްކަމެވެ. އަލަށް އައްޔަން ކުރެވުނު އޭސީސީގެ މެމްބަރުންނަށް އޮތް އެންމެ ބޮޑު އެހީތެރިކަމަކީ ކޮމިޝަންގެ މަސައްކަތްތައް ކާމިޔާބުކުރުމަށްޓަކައި ޕީޖީގެ ފުރިހަމަ އެއްބާރުލުން އޮތުމެވެ.

އާކޮމިޝަނަށް މަރުހަބާ ވިދާޅުވެ ޕީޖީ ވިދާޅުވެފައިވަނީ ޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާ ތަންފީޒުކުރަން ޙަވާލުކުރުމުން، ތަންފީޒީ އިދާރާތައް ޢަމަލުކުރާނީ ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތިކަމަށެވެ. އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އައި ނަމަވެސް، ޤާނޫނު ތަންފީޒްވާނެކަމަށެވެ. އަލަށް އެކުލަވާލެވުނު ކޮމިޝަނާއެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއްކޮށް، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށާއި، އަދި އައު ކޮމިޝަނާއެކު މަސައްކަތްކޮށް ކޮރަޕްޝަން ނެތް މުޖްތަމަޢެއް ބިނާ ކުރުމަކީވެސް އުއްމީދެއްކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

އަލަށް އައްޔަން ކުރެވުނު އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންގެ ކުރިމަތީގައި ހުރި މައްސަލަތަކާއި، ނިންމަންޖެހޭ މައްސަލަތަކުގެ އަދަދުތަކަކީ ގިނަ އަދި ބޮޑު މަސައްކަތްތަކެކެވެ. އާމެމްބަރުންނާއިއެކު ރައްޔިތުން ކުރާ އުންމީދުތައްވެސް ގިނައެވެ.