ޚަބަރު

އިންތިޒާމްވެގެން ހިންގާ ކުށްތަކާއި ޑްރަގް ނެޓްވޯކުތަކުގެ ގުޅުމުން ސަލާމަތަށް ނުރައްކާވޭ: ރައީސް


އިންތިޒާމް ވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވޯރކްތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާން ކަމާއި، ސުލްޙަ މަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިންތިޒާމް ވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވޯރކްތަކުގެ ގުޅުމުން ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު ފެންނަކަމަށެވެ. އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއްކަމަށާއި، މިކަންކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ޚާއްޞަ ޓާސްކް ފޯސްތަކެއް އެކުލަވާލައި، ޢަމަލީ މަސައްކަތް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ފެންނާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

"ކޮންމެ ގައުމެއްގައި ވެސް ކުށްވެރިން ހިތްހެޔޮ ނުވާ ބަޔަކީ ފުލުހުން. އެއީ އެކި ގޮތްގޮތުން އެމީހުން ހިންގާ ޖަރީމާ ތަކާ ޑްރަގް ވިޔަފާރިއަށް ހުރަސް އަޅާ ހުއްޓުވާ ބަޔަކީ ފުލުހުން. ގޭ ބިންގަރާހުގައި ގުދަން ކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން. އަނެއްކޮޅުން އެމީހުންގެ ބޯޓުތައް ރާއްޖެވަނުމުގެ ކުރިން ހިފަހައްޓާ އަތުލައިގަތުމުގައި އަވަށްޓެރި ގައުމުތަކުންދޭ އެހީތެރިކަން ފުލުހުންނަށް އެބަ ލިބޭ. މިކަމުގާ އެބައިމީހުންނަށް ހިމަ ނަރެއްގެ ޖާގަވެސް ނުދެއްވުމަށް ތިޔަބޭފުޅުން ގަދައަޅާ ތިޔަ ކުރައްވާ މިންނެތް ބުރަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ މަސްތުވާތަކެތި އަތުލައިގަތުމުގައި ދިވެހި ފުލުހުންނާ، ކަސްޓަމްސްއާއި، ދިވެހި ސިފައިން އަދި އެމުއައްސަސާ ތަކަށް އެހީތެރިވެދޭ ބައިނަލްއަގްވާމީ ގުޅުންތަކާ، އަވަށްޓެރި ގައުމުތަކަށް ވެސް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު ބިންގަރާހެއްގެ އަޑީގައި ހުރި 42 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ. އަދި ފަހަކަށް އައިސް ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަންނަ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސާއި އަވަށްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދޭ އެހީތެރިކަމުން ކުރެވޭ މަސައްކަތެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 1.3 ޓަނުގެ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.