ޚަބަރު

ކާރިސާގެ އެލާޓް ޓީވީތަކަށް ވަގުތުން ފޮނުވާ މަޝްރޫޢު ރައީސް އިފްތިތާޙްކޮށްދެއްވައިފި


ޓީވީގެ ސިގްނަލް އެޗްޑީ ކޮލިޓީގައި ފެންނަ އަދި ކާރިސާތަކުގެ އެލާޓް ވަގުތުން ރައްޔިތުންނަށް ލިބޭ، ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ. މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ ޕީއެސްއެމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާޙްކުރެއްވުމުގެ ކުރިން އެކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ މި މަޝްރޫޢަކީ އެނަލޮގްގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީއަށް ބަދަލުކޮށްލާނެ މަޝްރޫޢެއްކަމަށެވެ. އެގޮތުން ޓީވީގެ މަންޒަރުތައް އެންމެ ސާފު އަދި އެޗްޑީކޮށް ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެންނާނެ މި މަޝްރޫޢަކީ ފީ ނުދެއްކި ނުވަތަ ޗެނަލް ނުވަތަ ސިގްނަލް ނުލިބިގެން އުޅެންޖެހޭ ދުވަސްތައް މާޒީއަށް ގެންދާނެ މަޝްރޫއެއްކަމަށެވެ.

ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވަނީ 2024 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ނިމުނު ފެބުރުއަރީމަހުއެވެ.

"މިހާރު ޓީވީއެމްގެ ސިގްނަލް އެންމެ ޗެނަލެއް ހިލޭ މި ލިބެނީ. ނަމަވެސް މި މަޝްރޫއު ނިމޭއިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަޙައްދަށް ފޯރުކޮށްދެވޭނެ. އަދި ގުދުރަތީ ކާރިސާތަކުގެ މަޢުލޫމާތު ޢާންމުންނަށް ފޯރުކޮށްދޭނެ. އެހެން މަޢުލޫމާތުވެސް ޑޭޓާގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށް މަގުފަހިވާނެ. މާނައަކީ ސުނާމީ ފަދަ ބޮޑު ކާރިސާއެއް ދިމާވާހިނދު މި ވިއުގަ ބޭނުންކޮށް ގޭގޭގައި ހުރި ޓީވީ އޮންކޮށް ވަގުތުން އެލާޓްއައިސް އަމިއްލައަށް ޓީވީތައް ހުޅުވި މި އެލާޓް ރައްޔިތުންނަށް ދޭނެ. ޓީވީތައް އޮން ނުކޮށް ހުއްޓަސް އަމިއްލައަށް އޮންވެ ރައްޔިތުންނަށް މަޢުލޫމާތު ދެވޭނެ." ޢަލީ ޚާލިދު ވިދާޅުވިއެވެ.

މި މަޝްރޫޢާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު އެންމެ ފުރަތަމަ ވާހަކަ ދެކެވުނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން 2007 ވަނަ އަހަރުއެވެ. އަދި މި މަޝްރޫޢު ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

300 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވީ ކޯވިޑްގެ އާލަމީ ވަބާގެ ސަބަބުން ކަމަށް މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވިއެވެ. ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ މިމަޝްރޫޢަށް އެޤައުމުގެ ސަރުކާރުން 22 މިލިއަން ޑޮލަރު އިންވެސްޓްކުރެއެވެ. އަދި ސިގްނަލް އާންމުންނަށް ހަމައަށް ފޯރުކޮށްދިނުމާއި އެހެނިހެން ޚަރަދުތަކަށް ދިވެހި ސަރުކާރުން 57 މިލިއަން ޚަރަދުކުރެއެވެ.

ޢަލީ ޚާލިދު ވިދާޅުވީ މި މަޝްރޫޢު 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ޚިދުމަތް ދޭން ފެށޭނެކަމަށެވެ. އަދި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އަތޮޅުތެރޭގެ 20 ރަށެއްގައި ހިންގާނެކަމަށާއި، މިހާރުވެސް 5 ރަށެއްގައި ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.


ޢަލީ ޚާލިދު ވަނީ މި މަޝްރޫޢަށް ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރުން ވެެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކައުންސިލްތަކުން ދެއްވާ އެހީތެރިކަމަށްވެސް ޢަލީ ޚާލިދު ޝުކުރު އަދާކުރެއްވިއެވެ.

ޑިޖިޓަލް ޓެރަސްޓިރިއަލް ޓްރާންސްމިޝަން ބްރޯޑްކާސްޓިންގ ނެޓްވޯރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކުޗީ މިޑޯރީ ވިދާޅުވީ މިއީ ރާއްޖެފަދަ ދުރުގައި ރަށްތައް އޮންނަ ޤައުމަކަށް މުހިންމު މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ދުރުގައިވާ ރަށްތަކުގެ ގުޅުން ބަދަހިކޮށްދީ އެއްފަހަރާ ހުރިހާ ރައްޔިތުންނަށް ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެކަމަށެވެ. މި މަޝްރޫޢުގެ އެންމެ މުހިންމު ބޭނުމަކީ ކާރިސާގެ ވަގުތު ރައްޔިތުންނަށް ބޭނުންވާ އެންމެ ފުރިހަމަ އަވަސް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށާއި، ގޮންޖެހުން ބޮޑު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

ޖަޕާނު ސަފީރު ވަނީ ރާއްޖެއިން މޫސުމީ އަދި ތިމާވެށީގެ މައްސަލަތަކަށް ދޭ އަހަމިއްޔަތު ފާހަގަކުރައްވާ ރާއްޖެއަށް ތަޢުރީފްކުރައްވާފައެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤުދުރަތީ ކާރިސާއެއް ދިމާވާ ޙާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާކަމެވެ.