ޚަބަރު

ތަރައްޤީގެ އެތައް މަޝްރޫޢަކާއެކު ރައީސް ދެއްވީ މުޅި އައްޑޫ ބަދަލުކޮށްލާނެ އުފާވެރި ޚަބަރުތަކެއް


އައްޑޫ ސިޓީ ތަރައްޤީނުވެ ރާއްޖެ ތަރައްޤީ ނުވާނެ ކަމަށް ވިދާޅުވެ އައްޑޫ ސިޓީއަށް ހުރި ތަރައްޤީގެ މަޝްރޫޢުތަކާއި ވަޒީފާގެ ފުރުޞަތުތައް ރައީސް ހާމަކުރައްވައިފިއެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އައްޑޫގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް މުޅި އައްޑޫ ބަދަލުކޮށްލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅު ފެއްޓެވީ ކޯވިޑާއި ގުޅިގެން ދަތުރުފަތުރު ހުއްޓިފައި އޮތުމުގެ ސަބަބުން އައްޑޫ ސިޓީއަށް ވަޑައިނުގެންނެވި ދުވަސްތަކެއް ފާއިތުވި ނަމަވެސް ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ އެދުމާއެކު ގިނަގިނައިން އެ ސިޓީއަށް ވަޑައިގަންނަވާނެ ވާހަކަފުޅާއެކުއެވެ.

އައްޑޫގެ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވި މި މާހެފުމުގައި ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ތަކުރާރުކުރެއްވީ އައްޑޫގައި ރައީސް ވިދާޅުވާ ވާހަކަފުޅެކެވެ. އެއީ އައްޑޫ ސިޓީ ތަރައްޤީނުވެ މުޅި ރާއްޖެ ތަރައްޤީ ނުވާނެކަމުގެ ވާހަކަފުޅެވެ. އެެ ހަގީގަތުގެ މައްޗަށް ބުރަވެ މިސަރުކާރުން ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެ ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި އަދި ކޮންސްޓްރަކްޝަން ދާއިރާއާއި އެނޫންވެސް ދާއިރާތަކުން ރާއްޖޭގެ އެންމެ ކުރީ ސަފުގައި ތިއްބެވީ އައްޑޫ ސިޓީގެ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ތަރައްޤީކުރާއިރު އައްޑޫ ސިޓީ ތަރައްޤީވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ހަނދާން އައު ކުރެއްވީ 2018 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވަޑައިގެންނެވިއިރު އައްޑު ސިޓީ ކައުންސިލުން އެމަނިކުފާނަށް އެރުވި ވަޢުދު ނާމާގެ ވާހަކަތަކެވެ. ރައީސް ވިދާޅުވީ އެ ވަޢުދު ނާމާގައި ރައްޔިތުންގެ މަޝްވަރާއާއެކު އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތް ތަފްސީލްކޮށްދެއްވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް އެމަނިކުފާނު ފެއްޓެވީ އެ ވަޢުދުނާމާއާއި އެއްގޮތަށްކަމަށާއި، އޭގެ ތެރޭގައި އައްޑޫ ސިޓީއަށް ހުރި ބޮޑެތި މަޝްރޫޢުތައްވެސް ހިމެނޭކަމަށެވެ. އެ ވަޢުދުނާމާގައި އައްޑޫގެ މަގުހެދުމާއި ބޯހިޔާވަހިކަމާއި، ވަޒީފާގެ ދަތިކަމާއި، އިޤްތިޞާދާއި ބަނދަރުގެ ދަތިކަމާއި މިނޫންވެސް އެތައް ކަމެއް އޮތްކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ވަޢުދު ނާމާގެ މަސައްކަތްތަކެއް ފަށައިގަނެވިއްޖެ. ލަސްތަކެއްވި. ކޮންމެ ބައެއްވެސް ކޮންމެ ރަށެއްގެ ބައެއްވެސް އެދެނީ އެ ރަށެއްގެ ކަންކަން އަވަސްކުރުމަށް. އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ތަރައްޤީއަށް އަސާސީ ޚިދުމަތް ފެށުމަށް ކުރަންޖެހުނު ވަރަށް ގިނަ ކަންކަން ހުރި. އެންމެ ކުޑަމިނުން ބޯފެނާއި، ނަރުދަމާ ނުލިބޭ އެތައް ރަށެއް އޮތް. ސިއްޙީ އަދި ތަޢުލީމީ ނިޒާމް ނުލިބޭ އެތައްރަށެއް އޮތް. އަދި. އިޖްތިމާޢީ މައްސަލަތައް ފުނިޖެހިފައިވާ އެތައް ރަށެއް އޮތް. އެފަދަ އަސާސީ ޚިދުމަތް ނެތް ކުދިކުދި ރަށް ވަރަށް ގިނަ. އެހެންކަމުން ތަރައްޤީގެ ކަންކަންކުރުމުގައި އެފަދަ ތަންތަނަށް އިސްކަން ދިނިން. ނަމަވެސް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ މަތިން ހަނދާން ނައްތައެއް ނުލެވޭނެ، މި ސިޓީއަށް ބޭނުންވާ ކަންކަން އަޅުގަނޑު އަބަދުވެސް ދަނީ ގާތުން ބަލަމުން."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު އައްޑޫއަށް ކުރައްވާ މި ދަތުރުފުޅުގައި ބިޔަ ބޮޑެތި މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފެށިފައިވާކަން ފާހަގަކުރައްވިއެވެ. ޚާއްޞަކޮށް މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާއިރު އެ މަޝްރޫޢުގައި ނުހިމެނޭ އިތުރު މަގުތައް ތަރައްޤީކުރުމަށް ރައްޔިތުންގެ އެދުމާއި އެއްގޮތަށް ރިއާޔަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅި ދެކުނުގެ ރައްޔިތުންނަށް މުހިންމު ތަނެއްކަމަށެވެ. އެހެންކަމުން އެ އެއަރޕޯޓް ތަރައްޤީކުރުމަށް އިސްކަން ދެއްވާކަމަށް ވިދާޅުވެ ރައީސް ވަނީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރާއެކު މިއަދު ކުރެއްވި މަޝްވަރާގެ ދަށުން ވަރަށް އަވަހަށް އެ އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން އެއަރޕޯޓްގެ ދޫގަސް ހުރި ޢިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެތަނުގައި 100 އެނދުގެ ހޮޓަލެއް ހެދުމަށް ގަން އެއަރޕޯޓް ކުންފުންޏަށް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު އަންނަ އަހަރުގެ މެއި ޖޫން ހިސާބުގައި ނިމި ޚިދުމަތްދޭން ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް ހުރި އިތުރު މަޝްރޫޢުތަކާއި ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ މިއަދު ސޮއިކުރި ބިންހިއްކުމުގެ މަޝްރޫއަކީވެސް ވަޢުދު ނާމާގައި އޮތް މަޝްރޫއެއްކަމަށެވެ. ރައީސް ދެއްވި ޔަޤީންކަމަކީ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ބަޔަކާ ހަވާލުކުރެވޭނެކަމުގެ ވާހަކައެވެ. އަދި އެ މަޝްރޫޢު ހިންގާނީ ތިމާވެއްޓަށް ހުރި ގެއްލުން އެންމެ ކުޑަވާނެގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާއިރު ފަސް ރަށެއްވެސް ހިއްކައިގެން ތަރައްޤީކުރެވޭނެކަމަށެވެ. އެއީ އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދަވާކަމެއްކަމަށާއި، އެއީ މި ސަރައްހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ފާއިތުވި 3 އަހަރު މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރި ހޭދައިގެ ބޮޑުބައެއް އައްޑޫގެ ތަރައްޤީއަށް ހޭދަކުރައްވާފައިވާކަމަށެވެ. އެގޮތުން 1.1 ބިލިއަން ރުފިޔާ އައްޑޫގެ ތަރައްޤީއަށް އެކަނި ހޭދަކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އައްޑޫއަށް ތަރައްޤީ ގެނެވޭނީ ބޮޑު ހޭދައެއް ކޮށްގެންކަމަށާއި، އައްޑޫއަށް ސަރުކާރުން ކުރާ ހޭދައަކީ ބޭކާރު ޚަރަދަކަށް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަން ރައީސް ތަކުރާރުކުރެއްވިއެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ޒުވާނުންނަށްވެސް އޮތް އެންމެ ބޮޑު މައްސަލައަކީ ވަޒީފާގެ މައްސަލަކަމަށެވެ. ވަޒީފާ އިތުރުކުރެވޭނީ ޚިދުމަތްތަކާއި ވަސީލަތްތައް އިތުރުކޮށްގެންކަމަށާއި، އެކަމަށް އަދިވެސް ޤާނޫނަށް ގެންނަން ހުރި އިޞްލާހު އެބަހުރިކަމަށެވެ. އެކަން ކުރައްވަމުން އަންނަކަމަށާއި، އައްޑޫގައި ހިންގާ މަޝްރޫޢުތަކާއެކު އިޤްތިޞާދު ފުޅާވެ ވަޒީފާގެ ފުރުޞަތު އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަޒީފާގެ ދަތިކަން ހައްލުކުރުމަށް އައްޑު އަތޮޅުގައި އޮތް ހެރެތެރެ ހުޅުވި، ޝަންގިރިއްލާ ހުޅުވުމުގެ މަސައްކަތްކުރަމުން އަންނަކަމށް ރައީސް ވިދާޅުވިއެވެ. ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ޝަންގިރިއްލާ މައްސަލަ ވަރަށް އަވަހަށް ހައްލުކޮށް ހުޅުވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ޑްރަގް މައްސަލައަކީ މުޅި ރާއްޖެއަށް އޮތް ވަބާއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މައްސަލަ އައްޑޫގައިވެސް އެބައޮތްކަމަށް ވިދާޅުވެފައެވެ. އެމައްސަލަ ހައްލުކުރުމަށް މިދިޔަ މަހު ޚާއްޞަ ޓަސްކުފޯހެއް އެކުލަވާލާފައިވާކަމަށާއި، ކޮންމެ ހަފްތާއަކު އެ ޓާސްކުފޯހާއި ބައްދަލުކޮށް މަސައްކަތްތައް ގާތުން ބަލަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ދެއްވި އެންމެ ބޮޑު އެއް ޔަޤީންކަމަކީ ޑްރަގް މައްސަލަ ހައްލުކުރައްވާނެކަމެވެ. އެގޮތުން މާލެ ސަރަހައްދުގައި މަސްތުވާތަކެއްޗަށް އޮތް ފަރުވާ ލާމަރުކަޒުކޮށް އަތޮޅުތެރެއަށް ފަރުވާގެ ނިޒާމް ފުޅަކުރައްވާކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި މުޅިން އައު ކޮންސެޕްޓަކަށް ޚިދުމަތްދޭ މަރުކަޒެއް އައްޑޫ ހުޅުދޫގައި ހުޅިވިގެން ދިޔަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ޑްރަގްގެ ވަބާގައި ޖެހި ފަރުވާދޭ މީހުން މުޖުތަމަޢަށް ނެރުމުގެ ކުރިން ޓްރެއިންކުރުމަށް ހުޅުދޫ ސްކޫލް އެފަދަ ތަނަކަށް ބަދަލުކުރާނަން. މިއާއެކު މުޖުތަމައަށް އެކުދިން ނެރޭނީ ޓްރެއިންކޮށް މުޖުތަމަޢުގައި ކޮންމެވެސް މަސައްކަތެއްކުރެވޭނެ ޓްރެއިނެއް ދިނުމަށްފަހު. އެއީ މިސޓީގައި ފަށާނެކަމެއް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދށާޅުވީ ކަރަންޓުގެ މައްސަލައަކީވެސް އައްޑޫގައި އޮތް ބޮޑު މައްސަލައެއްކަމަށާއި، ފެނަކައިން އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަަމަށެވެ. އެގޮތުން ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ކަރަންޓަށް 47 މެގަވޯޓް އިތުރުކޮށް ކެޕޭސިޓީ އިތުރުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން މުޅި އައްޑޫގެ ކަރަންޓު ނެޓްވޯކް ގުޅުވާލެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފޭދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެ ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރެވުނުކަމަށެވެ. އެކަން ހައްލުކުރުމަށް ފޭދޫގައި މުޅިން އަލަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސްކޫލެއް ޤާއިމްކޮށްދެއްވާނެކަމަށެވެ.

މީގެއިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ސަރަހައްދުގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާތަނެއްކަމަށާއި އައިޖީއެމްއެޗްގައި ނެތްފަދަ ވަސީލަތްތަކާއި ޒަމާނީ ޢިމާރާތެއް ހުރިނަމަވެސް ރައްޔިތުން އެންމެ ބޭނުންވާ ޚިދުމަތް ނުލިބޭކަމަށެވެ. ރައްޔިތުންގެ ފަރާތުން ހުރި އެ ޝަކުވާތަކަށް ހައްލު ގެނައުމަށް ވަރަށް އަވަހަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި ހޮސްޕިޓަލުގެ ޚިދުމަތަށް ރައްޔިތުން ބޭނުންވާ ބަދަލު ގެންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.