ތަރައްޤީގެ މަޝްރޫޢުތަކާއެކު މިސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އިސްކަންދޭ މިންވަރުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިސަރުކާރުގެ ސޯޝަލް ނުވަތަ އިޖްތިމާޢީ ކައުންސިލްގެ ކަންކަން ބަލަހައްޓަވަނީ ރައީސްގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައިި ފާއިތުވި 3 އަހަރަކީ އިޖްތިމާއީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންނެވި 3 އަހަރުކަމަށް ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ މަގު ހެދުމާއި ބަނދަރުތައް ތަރައްޤީކުރުންފަދަ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ އިތުރުން އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މިސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން ވަރަށް ގިނަ ކަންކަން ކުރެވެމުން އަންނަކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، މަސައްކަތްތެރި ޖީލެއް އުފެއްދުމަށް ޚާއްޞަ އަހަމިއްޔަތެއް ސަރުކާރުންދޭކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ، ކޯވިޑާއި ގުޅިގެން ވަރަށް ބޮޑު ގޮންޖެހުންތަކެއް ސަރުކާރުގެ މަޝްރޫޢުތަކަށާއި އިޖްތިމާޢީ ކަންކަމަށް ކުރިމަތިވިނަމަވެސް އެއްވެސް ކަމަކަށް މަޑުޖެހުމެއް އައިސްފައިނުވާކަމަށެވެ. ރައީސްގެ އެންމެ ބޮޑު އެއް ތަސައްވުރަކީ މަދަރުސާތަކުން ނުކުންނަ ކޮންމެ ކުއްޖަކީ ދިރިއުޅުމަށް އަހުލުވެރި މަސައްކަތްތެރި އަދި ޤައުމަށް ޚިދުމަތްތެރި މީހަކަށް ހެދުންކަމަށެވެ. އެގޮތުން އެފަދަ މަސައްކަތްތެރި ޖީލެއް ބިނާކުރުމުގެ ޚާއްސަ މޮޑެލްއަކަށް ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒު ހައްދަވަމުން ގެންދަވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 50 އެނދުގެ ހޮސްޕިޓަލެއް ފުވައްމުލަކުގައި ތަރައްޤީކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ދަށުން އެކި ދާއިރާތަކުން ސްޕެޝަލިސްޓުންގެ ޚިދުމަތް ފެށިގެން އަންނަކަމީވެސް އިޖްތިމާޢީ ދާއިރާއަށް އަންނާނެ ހެޔޮ ބަދަލެއްގެ ގޮތުގައި ނާއިބު ރައީސް ސިފަކުރެއްވިއެވެ.
ނާއިބު ރައީސްގެ ވާހަަކަފުޅުގައި ވަނީ މި ސަރުކާރުން މީހުން ބިނާކުރުމަށް ދޭ އަހަމިއްޔަތު ކާމިޔާބުކޮށް ދިރިއުޅުމަށް ތައްޔާރު މަސައްކަތް ދަންނަ ހެޔޮލަފާ ޖީލެއް އުފެއްދުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މާ ހެފުމުގެ މި ހަފްލާގައި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤާއި، މަޖިލީހުގައި ފުވައްމުލައް ތަމްސީލްކުރާ 3 މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.