ދުނިޔޭގެ ވިޔަފާރި

ރަޝިޔާގައި ނެސްލޭއިން ކުރާ ވިޔަފާރި އެކުންފުނިން ދިފާޢުކޮށްފި


ނެސްލޭއިން ރަޝިޔާގައި ކުރަމުން އަންނަ ވިޔަފާރި އެއްކޮށް ހުއްޓާލުމަށް ޔޫކްރެއިނުން ބާރުއަޅަން ފެށިއިރު، އެކުންފުނިން ރަޝިޔާގައި ކުރަމުން އަންނަ ވިޔަފާރި އެކުންފުނިން ދިފާޢުކޮށްފިއެވެ.

ހޮނިހިރު ދުވަހު ސްވިޓްޒަލޭންޑުގައި މުޒާހަރާ ކުރަމުންދިޔަ ފަރާތްތަކާއި ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ރައީސް ވުލަޑުމީރް ޒެލެންސްކީވަނީ ސްވިޓްޒަލޭންޑުގެ ނެސްލޭ ކުންފުނިން ރަޝިޔާގައި އެއްކޮށް ވިޔަފާރި ހުއްޓާ ނުލާތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޔޫކްރެއިންގެ އިތުރުން ޔޫރަޕުގެ އެހެން ޤައުމުތަކަށްވެސް ރަޝިޔާގެ ނުރައްކާ އޮތްއިރު، އަދި ނިއުކްލިއަރ ބިރު ދައްކަމުންދާއިރު ނެސްލޭއިން ރަޝިޔާގައި މަޑު ކުރާ ސަބަބާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ރަޝިޔާ ޔޫކްރެއިން މަސްރަޙް އިތުރަށް ގޯސްވެ ގިނަ ޤައުމުތަކުން ރަޝިޔާއާއި ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އަދި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ރަޝިޔާ ދޫކޮށް ގޮސްފައިވާއިރު، ނެސްލޭ ކުންފުނިންވެސް ވަނީ އެ ޤައުމުގައި އިޝްތިހާރު ކުރުމާއި އަދި އައު އިންވެސްޓްމެންޓް ކުރުން ހުއްޓާލާފައެވެ. ނަމަވެސް އެކުންފުނިން މިހާރުވެސް އެކުންފުނީގެ ޕްރޮޑަކްޓްތައް ރަޝިޔާގައި ވިއްކަމުން ދެއެވެ. މިއާއިއެކު ރަޝިޔާއިން ކުރާ ހަނގުރާމައަށް ވާގިވެރިވާ ކަމަށް ޔޫކްރެއިނުން ދަނީ ތުޙުމަތު ކުރަމުންނެވެ.

ރަޝިޔާ ދޫކޮށް ކުންފުނިން ނުދިއުމާއިއެކު ކުންފުންޏަށް އަމާޒުވެފައިވާ ފާޑު ކިއުންތަކަށް ޖަވާބުދެމުން ކުންފުނީގެ އޮފިޝަލަކު ބުނެފައިވަނީ މިވަގުތުވެސް އެކުންފުނިން ރަޝިޔާގައި ޚިދުމަތް ދެމުންދަނީ ޟަރޫރީ ބޭނުންތަކަށް އެކަނި ކަމަށެވެ. އަދި މިވިޔަފާރިން އެކުންފުންޏަށް އެއްވެސް ވަރަކަށް ފައިދާ ނުވާނެ ކަމަށް ނެސްލޭއިން ބުނެއެވެ. އެގޮތުން އެކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު ކާބޯތަކެތި ފޯރުކޮށްދޭ އެއް ކުންފުންޏަށް ވީ ހިނދު މިވަގުތު ޔޫކްރެއިން އެތެރޭގައިވެސް ޚިދުމަތް މެދު ނުކެނޑި ފޯރުކޮށްދެމުންދާ ކުންފުނިތަކުގެ ތެރޭގައި އެކުންފުނި ހިމެނޭނެ ކަމަށް ނެސްލޭއިން ބުނެއެވެ. އަދި މިވަގުތު ކުންފުނިން އެ ސަރަހައްދުގައި ޚިދުމަތް ދެނީ އިންސާނީޔަތައް ބަލައިގެން ކަމަށް އެކުންފުނިން ބުނެއެވެ.

ރަޝިޔާއިން ގިނަ ކުންފުނިތައް ބޭރުވާއިރު ޔޭލް ޔުނިވާސިޓީގެ ޕްރޮފެސަރަކު ހެދި ދިރާސާއެއް ދައްކާގޮތުން އަދިވެސް ގިނަ އަދަދެއްގެ ކުންފުނިތައް ރަޝީޔާއިން އެއްކޮށް ބޭރުވުމާ ދެކޮޅު ހަދައެވެ. އެމެރިކާގެ ގިނަ ކުންފުނިތަކުން މިވަގުތު ބޭރުވެފައިވީ ނަމަވެސް ރަޝިޔާގައި އިޝްތިހާރު ކުރުމާއި އައު އިންވެސްޓްމެންޓް ފުރުސަތު ދޫކޮށްލައިގެން ބައެއް ކުންފުނިތަކުން ވިޔަފާރި ރަޝިޔާގައި ދަނީ ކުރަމުންނެވެ. އަދި ބައެއް ކުންފުނިތަކަށް ރަޝިޔާގައި ވިޔަފާރި ކުރުމަށް އެކުންފުނިތަކުން ހެދި އެއްބަސްވުންތަކުގެ ސަބަބުން ބޭރު ނުވެވިވެސް އެބަތިއްބެއެވެ.

ބައިނަލްއަޤްވާމީ ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 200އަށްވުރެ ގިނަ ކުންފުނިން ރަޝިޔާ ދޫކޮށްލާފައިވާކަން ޔޫކްރެއިނުން ހާމަކޮށްފައިވާއިރު، ފެބްރުއަރީ 24އިން ފެށިގެން ރަޝިޔާއިން ޔޫކްރެއިނަށް ދޭންފެށި ޙަމަލާތައް އަދިވެސް ހުއްޓާލާފައެއް ނުވެއެވެ. އެހެންކަމުން ވިލާތުގެ އިއްތިޙާދާއި އެކި ޤައުމުތަކުން ދަނީ ރަޝިޔާއަށް އިޤްތިޞާދީ ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.