ބަހާއި ހިސާބު ޢިލްމު އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި އިލްމުގެ ފުރިހަމަ ބިންގަލެއް އެޅިގެންނޫނީ ފޭރާން ހެޔޮ ތަޢުލީމެއްގެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު ތަންފީޒުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްއެންޔޫގެ ފެކަލްޓީ އޮފް ސައިންސަސްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ ބަހާއި ހިސާބު އިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިއްމު ހުނަރުކަމަށާއި ދަރިވަރުންނަށް ކާމިޔާބުކަމާއިއެކީ ކުރިއަށް ދެވޭނެ ތަޅުދަނޑިއަކީ ދަރިވަރުންގެ މާދަރީ ބަސް ރަނގަޅުކުރެވިގެން ކަމަށެވެ. އެގޮތުން ތަންފީޒުކުރެވިގެންދިޔަ މި އިސްތިރާޖުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިސްވެރިންނާ، މުދައްރިސުން އަދި ބެލެނިވެރިންވެސް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންގެ އަރިހުން ވަރަށް ފުރިހަމައަށް މި އިސްތިރާޖުތައް ސްކޫލްތަކުގައި ތަންފީޒުކޮށްދިނުމަށް އަޅުގަނޑު ގޮވާލަން. އަދި މި އިސްތިރާޖު ތަންފީޒުކުރުމުގަ ހުރިހާ މަދަރުސާތަކެއްގެ އެންމެހާ މުވައްޒަފުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްކުރުމަށްވެސް އަޅުގަނޑު ދަންނަވަން." އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
"ބަހާއި ހިސާބު ޢިލްމުގެ ޤައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު" ތަންފީޒުކުރުމުގެ ޕްރޮގްރާމަކީ ޤައުމީ މަންހަޖުގައި ހިމެނޭ އެލްކޭޖީއާއި ޔޫކޭޖީ، އާއި ގްރޭޑް 4،5،6ގެ ދަރިވަރުންގެ އުނގެނުމުގެ މަރުޙަލާ ފަސޭހަކޮށްދިނުމަށްޓަކައި ތަންފީޒުކުރެވުނު ޕްރޮގްރާމެކެވެ. އަދި މިއީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ޔުނިސެފް މޯލްޑިވްސް އާއި ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަނުން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ޤާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 131 ސްކޫލަކުން ބައިވެރިވާނެއެވެ. އަދި މި ޕްރޮގްރާމް ނިމިގެންދާއިރު ބަހާއި ހިސާބު ޢިލްމު އުނގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ތަމްރީނުކުރެވިގެން ދާނެއެވެ.
ކުރިއަށް އޮތް ޖީލުތަކަށް ފަގީރުކަމާއި ހައިހޫނުކަން ތަހައްމަލުކުރަން ނުޖެހޭ އެންމެނަށް ހަމަހަމަ ބާއްޖަވެރި ދުނިޔެއެއް ހޯދައިދިނުމަށްޓަކައި އ.ދ އިން ވަނީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކެއް ކަނޑައަޅާފައެވެ. އޭގެ ތެރެއިން އެންމެ އިސްކަމެއްދެވޭ އެއް ލަނޑުދަނޑިއަކީ ފެންވަރު ރަނގަޅު ތައުލީމެއްގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމެވެ.