ޚަބަރު

ރާއްޖެ ގެނައި ޢާއިލާގެ އެސެސްމަންޓް ހަދައި، ތަޚުޤީގެއް ހިންގަންޖެހޭތޯ ބަލަނީ


ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ގޮސް ހާލުގައި ޖެހުމުން ރާއްޖެ ގެނައި އާއިލާގައި ރިސްކް އެސެސްމެންޓް ހަދައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭތޯ ބެލުމަށް ފުލުހުން މަސައްކަތް ފަށައިފިއެވެ.

ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށްފަހު ޙާލުގައި ޖެހިފައިވާ ދިވެހި އާއިލާތަކުގެ ތެރެއިން އާއިލާއެއް އިއްޔެ ވަނީ ރާއްޖެ ގެނެސްފައެވެ. އިއްޔެ ރާއްޖެ ގެނައި ޢާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ. މިއާއިލާގެ މެމްބަރުން ހަނގުރާމައަށް ގޮސްފައިވަނީ 2013 ވަނަ އަހަރުއެވެ.

ހަނގުރާމަވެރި ސަރަހައްދު ތަކުން އަނބުރާ އަންނަ ހަނގުރާމަވެރިންނާ އެމީހުންގެ އާއިލާތަކާމެދު އަމަލުކުރުމަށް ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މިއާއިލާވަނީ ނެޝަނަލް ރި-އިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ވަނީ ބައިތިއްބާފައެވެ. ފުލުހުން ވިދާޅުވީ މިއާއިލާގެ ރިސްކް އެސެސްމެންޓް ހަދައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް ވާނަމަ ޖިނާއީ ތަހުގީގު ހިންގާނެކަމަށެވެ.

ރާއްޖެ ގެނައި ޢާއިލާގެ އިތުރު އެއްވެސް ތަފްސީލެއް ސަރުކާރުން ނުދެއްވައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ ކުޑަކުދިންނާއި އަނިޔާއަށް ހުށަހެޅިފައިވާ އަންހެނުންނަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ޚާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބަޔެއްކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީމައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަންލިބޭ، ޤާނޫނީގޮތުން މަނާކަމެއްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

މިފަދަ ޢާއިލާތައް ރާއްޖެގެނައުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ދިވެހިރާއްޖޭގެ ދާޚިލީސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިވެހިރައްޔިތުންގެ އަސާސީ އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށްކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އެކިސަބަބުތަކާހުރެ މުޖުތަމަޢުން ހަވާސާވެފައިވާ ފަރާތްތައް ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން، އިސްލާހުކޮށް ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.