ވިޔަފާރި

ފެބްރުއަރީމަހު މީރާއަށް ލިބުނު ޢާމްދަނީ 1.41 ބިލިއަން ރުފިޔާގައި


މިއަހަރުގެ ފެބްރުއަރީމަހު މީރާއަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ހާމަކުރައްވައިފިއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %40.1 އިތުރު ޢަދަދެކެވެ.

މީރާއަށް ފެބްރުއަރީމަހު 1.41 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ %17.6 އިތުރު ޢަދަދެކެވެ. ފެބުރުވަރީ 2022ގައި މީރާއަށް ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 63.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ފެބުރުވަރީ 2022ގައި މީރާއަށް ބަލައިގަތް ޢާމްދަނީގެ އެންމެބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 972.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޢާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 138.21 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.44 މިލިއަން ރުފިޔާ، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 51.99 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 44.85 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 107.98 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2022 ގައި ލިބިފައިވާ ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، ޖަނަވަރީ 2021 އާއި އަޅައިބަލާއިރު، ޖަނަވަރީ 2022 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %43.1 އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.