އެގްރޯނެޓުން މިހާރު 250 އަށްވުރެ ގިނަ ދަނޑުވެރިންގެ އުފެއްދުންތައް ގަންނަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.
އެގްރޯނެޓަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިހުގެ ސަރުކާރުން އުފައްދާފައިވާ ކުންފުންޏެވެ. މި ކުންފުނި އުފެއްދީ 2020 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހާރޫން ވިދާޅުވީ، މީގެކުރިން ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު އެތަކެއްޗަކީ ކިހާވަރަކަށް ބެލެހެއްޓިގެން އުފެއްދޭ ތަކެއްޗެއްކަން ނޭނގޭކަމަށާއި ދަނޑުވެރިންނަށް ދިމާވަނީ ކޮންކަހަލަ ގޮންޖެހުންތަކެއްކަމެއްކަންވެސް ނޭންގޭކަމަށެވެ. އަދި އެތަކެތި ބާޒާރަށް ނެރެ މާކެޓްކުރުމުގެ މަސައްކަތްވެސް ކުރަނީވެސް ދަނޑުވެރިން އަމިއްލައަށްކަމަށް ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ، ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެގްރޯނެޓަށް ފާހަގަކުރެވުނީ ދަނޑު ހައްދަން ބޭނުންވާ ތަކެތި ހޯދުމުގައި ދިމާވާ ގޮންޖެހުންކަމަށެވެ. މިހުރިހާ ކަމަކަށް ބަލާއިރު އެގްރޯނެޓް އުފެދުމަށްފަހު ދަނޑުވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންގޮސްފައިވާކަމަށް ހާރޫން ވިދާޅުވިއެވެ.
ހާރޫން ވިދާޅުވީ، 2000 އަށްވުރެ ގިނަ ދަނޑުވެރިން މިހާރު އެގްރޯނެޓާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި މިހާރު 250 ދަނޑުވެރިންގެ އުފެއްދުންތައް އެގްރޯނެޓުން ގަންނަމުންދާކަން ހާރޫން ފާހަގަކުރެއްވިއެވެ.
"2000 އަށްވުރެ ގިނަ ދަނޑުވެރިން އަޅުގަނޑުމެންނާއިއެކު ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިކަންފާޅުކުރި. އޭގެތެރެއިން 700 އަށްވުރެ ގިނަ ދަނޑުވެރިން އަޅުގަނޑުމެންނާއިއެކު މަސައްކަތްކުރުމަށް ސަރުތު ހަމަވެ އެއްބަސްވުންތައް ޤާއިމްކުރެވުނު. ދެން އޭގެ ތެރެއިން އެދުނު ފަރާތްތައް ގާތްގަނޑަކަށް 250 އަށްވުރެ ގިނަ ފަރާތްތަކަށް ސްޓާޓްއަޕް ޕެކުގެ ނަމުގައި މިދެންނެވި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ އަދި 250 އަށްވުރެ ގިނަ ދަނޑުވެރިން މިހާރު އަމަލީގޮތެއްގައި އަޅުގަނޑުމެންނާއިއެކު މަސައްކަތްތައް އެބަ ކުރިއަށްގެންދޭ. މާނައަކީ 250 އަށްވުރެ ގިނަ ދަނޑުވެރިންގެ އުފެއްދުންތައް އަޅުގަނޑުމެން ގަނެ މާކެޓްކުރަމުންނޭ މިދަނީ." ހާރޫން ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަން ފުޅާކޮށް ދަނޑުވެރިންނަށް ހަމައަގު ހޯދައިދުނުމަށްޓަކައި އެގްރޯނެޓުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގެ 9 ސަރަހައްދެއްގައި ކޯލްޑް ސްޓޯރޭޖްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.
އެގްރޯނެޓުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުން އެސަރަހައްދުތަކުގެ ދަނޑުވެރިން ހައްދާތަކެތި ގެންދާނީ އެތަންތަނަށްކަމަށެވެ. އަދި އެ ސަރަހައްދުތަކުން ތާޒާކަމާއެކު ރިސޯޓްތަކަށާއި ވިޔަފާރިތަކަށް ހޯލްސޭލްކުރާނެކަމަށެވެ. މި ކޯލްޑް ސްޓޯރޭޖްތަކުގެ ސަބަބުން ތާޒާކަމާއެކު ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރެވޭނެ ކަމަށް އެގްރޯނެޓުން ބުނެއެވެ.