ވިޔަފާރި

ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރާ ބިން ހިއްކަން ފަށަނީ


ރާއްޖޭގައި ތަރައްޤީކުރާ ޓްރާންސްޝިޕްމަންޓް ބަނދަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން މީގެކުރިން ވަނީ ޓްރާންޝިޕްމަންޓް ބަނދަރު ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްވެސް ހުޅުވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ޓްރާންޝިޕްމަންޓް ބަނދަރު ތަރައްޤީކުރުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ. ނަމަވެސް މަޝްރޫއުގެ އިންޓާނަލް ރިޓާން ކުޑަވުމުގެ ސަބަބުން މިކަމަށް ޝައުގުވެރިވާ އިންވެސްޓަރުން މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޕޯޓް އޮޕަރޭޓްކުރާ ފަރާތްތަކާއިވެސް މިކަމަށް ޝައުގުވެރިވޭތޯ މަޝްވަރާކުރިކަމަށާއި ނަމަވެސް ވިޔަފާރިތަކުން ބޭނުންވަނީ އިންވެސްޓްކޮށްފައި ވީހާވެސް އަވަހަށް ފައިދާ ލިބުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިންޓާނަލް ރިޓާން ވަރަށް ކުޑަ. 7 ޕަސެންޓުގައި މިއިންނަނީ. އެހެންވީމަ މިވާގޮތަކީ އެކަމަށް ޝައުގުވެރިއެއް ނުވަނީ ވިޔަފާރިއެއް. ވަރަށް އެޑްވެންޗަރަސް ބަޔަކު ފަހަރުގައި ޝައުގުވެރި ވެދާނެ. ދެން އަޅުގަނޑުމެން ވަކިވަކިން ޕޯޓު އޮޕަރޭޓްކުރާ އެކިއެކި ފަރާތްތަކާއިވެސް ވާހަކަދައްކާލިން ދެން ހަމަ އިންޓްރެސްޓް ހުރިތޯ. އެހެންނަމަވެސް ނެތް އިންޓްރެސްޓެއް. އެމީހުންނަށް ވިޔަފާރިއަކީ އިންވެސްޓްކޮށްފައި ވީހާވެސް އަވަހަކަށް ލާރި ލިބުން. ސަރުކާރުގެ އެފައިސާ ހުރިނަމަ އަޅުގަނޑުމެން އެހެންތާކަށް ދާކަށްވެސް ބޭނުމެއް ނެތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އިންވެސްޓަރަކާއި ނުލާވެސް ސަރުކާރުގެ ވިސްނުން މިހާރު ހުރީ މަޑުމަޑުން ތަރައްގީކޮށްގެން ވިއަސް މި މަޝްރޫއު ފެށުމަށްކަމަށެވެ. އެގޮތުން ވިސްނުން ހުރީ ސަރުކާރުގެ ބޮޑެތި އެސްއޯއީތައް މެދުވެރިކޮށް މިކަން ކުރަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއޮތްހާދުވަހު ފައިސާ ނެތީމައި އިންވެސްޓަރެއް ގެނެސްގެން ޖޮއިންޓް ވެންޗަރއެއްގެ ދަށުން ވިއަސް އެކަން ކުރެވޭނެ ގޮތެއް ހޯދަން ބެލުނީ. މިހާރު އެހިޔާލަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަނީ ހަމަ ދިގު މުއްދަތުން މަޑުމަޑުން މަޑުމަޑުން ޑިވެލޮޕް ވެގެންދާގޮތަށް ވިއަސް އަޅުގަނޑުމެން އެކަން ފަށަން. އަޅުގަނޑުމެންގެ ރަނގަޅު ސްޓްރެންތް ހުރި އެސްއޯއީތަކުން މިސާލަކަށް އެމްޓީސީސީ، އެސްޓީއޯ، އެމްޕީއެލް މިފަދަ ކުންފުނިތަކެއް އެއްވެގެން. ކުންފުނިތަކުން ވަރަށް ބޮޑަށް މިކަމަށް ޝައުގުވެރިކަން އެބަހުރި. އެ ކުންފުނިތަކާއި އެއްކޮށް އަޅުގަނޑުމެން މަސައްކަތް މިކުރަނީ މި ޕްލޭން އެކުލަވާލުމަށް. އެބޭފުޅުންގެ އެކްސްޕަޓީސްއާއި އެބޭފުޅުންގެ ފައިނޭންޝިއަލް ކެޕޭސިޓީ ހުރި ގޮތްތަކާއި ހުރިހައި އެއްޗެއް ބަލާފައި" މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ރާވާފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ޒަމާނީ ޓްރާންޝިޕްމެންޓް ބަނދަރެއްގެ ގޮތުގައެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް އެޅުމަށް ރާވާފައިވާކަމަށެވެ. އަދި އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހެންޑްލްކުރުމުގެ ކެޕޭސިޓީ ޤާއިމްކުރުމަށް އަމާޒު ހިފާފައިވާކަމަށާއި މި މަޝްރޫއުއަށް 466 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެކެވެ. އެހެންކަމުން މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒު ކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރަށް ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެތީވެ މިމަޝްރޫއު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.