ފާދިއްޕޮޅު ހިންނަވަރުގެ ތަރައްޤީއަށް ގިނަ މަޝްރޫއުތަކެއް މި އަހަރު ހިންގޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހިންނަވަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ހިންނަވަރު ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ހިންގާ މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް ރައީސްއަށް ދަންނަވާފައެވެ. އަދި ރަށުގައި ތިބެގެން ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތް އިންތިޒާމްކޮށްދިނުމުގެ އިތުރަށްވެސް ރައްޔިތުން ބޭނުންވާ ބައެއްކަންކަން ކައުންސިލުން ވަނީ ރައީސްއަށް ހުށައަޅުއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން އެދުނުގޮތަށް މިހާރު ހިނގަމުން އަންނަ މަޝްރޫޢުތައް އަވަސްކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭނެގޮތް އިންތިޒާމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކައުންސިލުން އެދުނު ގޮތަށް ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ޤާއިމްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޔޫތު ސެންޓަރެއް ޤާއިމްކޮށް، 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތާއި ހޮސްޕިޓަލް އެޅުމުގެ މަސައްކަތްވެސް މިއަހަރު ފެށޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހިންނަވަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި އިޤްތިޞާދީ ހަރަކާތް ގިނަ ރަށެއްކަމުން ރަށުގައި ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. މި ހުށައެޅުމާއި ގުޅިގެން ރައީސް ވަނީ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ބޭންކުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ހިންނަވަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެން ވަނީ އެ ދާއިރާރަކުން ހިންނަވަރުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ހިއްސާކުރައްވާފައެވެ.