ތަޢުލީމު

ޕްރީސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެހިއްޖެ- އެޑިއުކޭޝަން


ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، އަތޮޅުތަކުގައި ސަރުކާރުން ހިންގާ ސްކޫލުތަކުގައި ޕްރީ ސްކޫލް ފެންވަރަށް ކިޔަވައިދިނުމަށް ބޭނުންވާ ޓީޗަރުންނާއި، ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީޒްތައް މިހާރު ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެންދާއިރު، އައްޑޫ ސިޓީއާ،  މާލޭ ސިޓީ ފިޔަވައި، އަތޮޅުތަކުގައި ސަރުކާރުން ހިންގަވާ ހުރިހާ ސްކޫލުތަކެއްގައި ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމުގެ އިތުރުން ޕްރީ ސްކޫލް ކްލާސްތައްވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.ސްކޫލްތަކުގައި ކިޔެވުން ފެށުމަށް ތައްޔާރުވަމުންދާއިރު، ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ، ޤައުމީ އާ މަންހަޖުގެ ކީ ސްޓޭޖް ދޭކަށް ޢަމަލުކުރައްވަން ފެއްޓެވުމާއި، ސަރުކާރުގެ ސްކޫލްތަކުގައި ޕްރީ ސްކޫލް ކުދިންނަށް ކިޔަވައިދެއްވަން ފެއްޓެވުމެވެ. މިބަދަލާއެކު އައްޑޫ ސިޓީއާއި، މާލޭ ސިޓީ ފިޔަވައި، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޢުމުރުން ހަތަރު އަހަރާއި، ހަ އަހަރާދެމެދުގެ ކުދިންނަށް ސަރުކާރު ސްކޫލުތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިކަމާއި ގުޅިގެން ސްކޫލުތަކަށް އަންނާނެ ބަދަލުތައް ދިރާސާކުރެއްވުމުގެ މަސައްކަތް އަތޮޅުތަކުގެ ސްކޫލުތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރައްވާފައެވެ.އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު އިބްރާހީމް އިސްމާޢީލް ވިދާޅުވީ، އަތޮޅުތަކުގެ ސްކޫލްތަކުގައި އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ކިޔަވައިދިނުމަށްޓަކައި، ކްލާސް ރޫމްތަކަށް ބޭނުންވާ ފަރުނީޗަރާއި، ކުދިންގެ ސްޓޭޝަނަރީޒްތައް އެ މިނިސްޓްރީގެ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށެވެ. އަދި މިކަމަށް އެކުދިންގެ ބެލެނިވެރިން އެއްވެސް ޚަރަދެއް ކުރައްވަން ނުޖެހޭނެކަމަށްވެސް އިބްރާހީމް އިސްމާޢީލް ވިދާޅުވިއެވެ.އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވާލެއްވި ޕްރީ ސްކޫލުތައް ހިންގުމުގެ ޤަވާއިދު ބުނާގޮތުން ކޮންމެ 25 ކުއްޖަކަށް ޕްރީ ސްކޫލް ޓީޗަރެއް ހުންނަންޖެހެއެވެ. އެހެންކަމުން އެކުދިންނަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމުގެ އިންތިޒާމްވެސް ކައުންސިލްތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް އިބްރާހިމް އިސްމާޢިލް ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ ކިޔެވުން ފެށޭއިރު، ޕްރީ ސްކޫލް ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ޓީޗަރުން މަސައްކަތް ކުރައްވާނީ އެއް އަހަރު ދުވަހުގެ ވަގުތީ ކޮންޓްރެކްޓެއްގެ ދަށުންކަން އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު ފާހަގަކުރެއްވިއެވެ. ނަމަވެސް އެޓީޗަރުންނަށްވެސް ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވުމަށްފަހު، ދާއިމީ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެކަމަށް އިބްރާހިމް އިސްމާޢިލް ވިދާޅުވިއެވެ.އަތޮޅުތަކުގައި ސަރުކާރުން ހިންގަވާ ސްކޫލްތަކުގައި ޕްރީ ސްކޫލް ކުދިންނަށް ކިޔަވަދިނުމުގައި ފީއެއް ނުނަންގަވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި ޕްރީ ސްކޫލަށް ކްލާސްތައް ހިންގުމަށް ސްކޫލްތަކަށް ގެންނަންޖެހޭ ބަދަލުތަކަށް ގާތްގަނޑަކަށް 13.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވައެވެ.