ވިޔަފާރި

ބީއެމްއެލްގެ އޭޓީއެމްއެއް މާމެންދޫގައި ހުޅުވައިފި


ބޭންކް އޮފް މޯލްޑިވްސްއިން ލ. މާމެންދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ މި އޭޓީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެކަމަށެވެ.

މި އޭޓީއެމް ސެންޓަރގެ ހިދުމަތާއެކު މިވަގުތު ލ. އަތޮޅު ފޮނަދޫ އަދި ގަމުގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ބީއެމްއެލްއިން ދަނީ ދެމުންނެވެ. މީގެ އިތުރުން މާވަށުގައި ސެލްފް ސަރިވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ ސްޓްރެޓަޖީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން އިންވެސްޓް ކުރަމުންދާނެކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 78 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 136 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.