މާލޭ ޖަލުގައި ޤައިދީންނާއި، ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް 3 ކޯޓް ރޫމް ޤާއިމްކޮށް ބޭނުންކުރަން ފަށައިފިވެ.
މިއަދު މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ދެއްކެވި ވާހަކައިގައި ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑު ކަމާއެކީގައި ގިނަ މަސައްކަތްތަކެއް އޮންލައިންކުރަން މަޖްބޫރުވެފައިވާ ކަމަށާއި، މާލޭ ޖަލުގައި ބޭނުންކުރަން ފެށި 3 ކޯޓް ރޫމަކީ ކަރެކްޝަނަލް ސާރވިސްއިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.
އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ ކަމަށާއި މިއަދުވެސް 298 މީހުން ބަންދުކުރަން ޖެހިފައިވާ ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި މީގެ ތެރެއިން 80 އެތައް މައްސަލައަކީ މެޖިސްޓްރޭޓް އަދި އަތޮޅުތަކާ ގުޅޭ މައްސަލަތައް ކަމަށާއި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ޚަރަދު ބޮޑު ކަމެއްކަމަށާއި މި ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ޠަލާލް ވިދާޅުވީ މީގެ ކުރިން އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވުމަށް ވަކިން ތަނެއް ޚާއްސަކުރެވިފައި ނުވާކަމަށާއި މީގެ ކުރިން އެކަމަށް ބޭނުންކުރަމުން އައީ މީޓިންގ ރޫމް، ލޯޔަރ އަދި ފެމިލީ ވިޒިޓިންގ ރޫމްތައް ކަމުގައެވެ.
މިވަތުގުވެސް ޝަރީޢަތުން ވަކި ގޮތެއް ނިމެންދެން މާލޭ ޖަލުގައި 131 މީހުން ބަންދުކުރެވިފައިވާ ކަމަށާއި މިއަދަދަކީ ބޮޑު އަދަދެއް ކަމަށްވެސް ތަލާލް ވިދާޅުވިއެވެ. އަދި ޤައިދީންނާއި ބަންދު މީހުންގެ ގިނަ ޝަކުވާއަކީ ޝަރީޢަތް ދިގުލައިގެން ދިއުންކަމަށާއި މި ކޯޓް ރޫމްތަކުގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ޠަލާލް ވިދާޅުވިއެވެ.
ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، މާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަލްއުސްތާޛް މުޙައްމަދު ޠަލާލް، ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ.