ވިޔަފާރި

ބޫސްޓަރ ޑޯޒް ޖެހި ރިސޯޓް މުވައްޒަފުންގެ އަދަދު 98000އިން މައްޗަށް


ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 98000 އަށްވުރެ ގިނަ މުވައްޒަފުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މިއާއިއެކު ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ހުރިހައި ފަރާތްތަކަށް މިހާރު ރާއްޖޭގައި އަންނަނީ ބޫސްޓަރ ޑޯޒް ޖަހަމުންނެވެ.

ރާއްޖޭގެ ރިސޯޓްތަކުގެ މުވައްޒަފުންނަށްވެސް ބޫސްޓަރ ޑޯޒް ޖެހުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 98،014 މީހަކު ވަނީ ކޯވިޑްގެ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މިއީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %30 އެވެ.

ރިސޯޓް މުވައްޒަފުންގެ ބޮޑު އިންސައްތައެއް މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެގޮތުން ރިސޯޓް މުވައްޒަފުންގެ %99.5 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. މިއީ 397،851 މީހުންނެވެ. ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވަނީ %97.5 މީހުންނެވެ. މިއީ މުޅި ޖުމްލަ 370،311 މީހުންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒްގެ ގޮތުގައި ދެނީ ފައިޒަރ ވެކްސިނެވެ. ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41431 އެއްހާ މުވައްޒަފުން މަސައްކަތްކުރެއެވެ.

ރާއްޖެއަކީ ކޯވިޑްގެ ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔައަހަރުގެ އޭޕްރިލްމަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ" ފުލީ ވެކްސިނޭޓެޑް ޓޫރިޒަމް"އެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.