ރާއްޖޭގައި އަލަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓް މިމަހު ތަޢާރަފުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އަލަށް ތަޢާރަފުކުރުމަށް މަސައްކަތް ކުރައްވަމުންދާ ޕާސްޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މީޑިއާ އޮފިސަރ ޙަސަން ޚަލީލް ވިދާޅުވީ، އަލަށް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ ޕާސްޕޯޓަކީ، މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަށްވުރެ ފެންވަރުގެ ގޮތުންނާއި ސަލާމަތީ ގޮތުންވެސް ވަރުގަދަ ޕާސްޕޯޓެއްކަމަށެވެ. އެގޮތުން ފެނިގެންދާނެ އެންމެ ބޮޑު އެއް ތަފާތަކީ ޕާސްޕޯޓުގެ ޑޭޓާ ޕޭޖަށް ގެނެސްފައިވާ ބަދަލުކަމަށް ޚަލީލް ވިދާޅުވިއެވެ. އާ ޕާސްޕޯޓުގެ ޑޭޓާ ޕޭޖް ފަރުމާކޮށްފައިވަނީ "ޕޮލިކަރބަން" ބޭނުންކޮށްގެންނެވެ. އެހެންކަމުން ފެންޖެހުމުން ފާސްޕޯޓުގައި ހުންނަ ފޮޓޯއާއި ލިޔުންތައް ފޭދިގެން ދިޔުންފަދަ މައްސަލަތައް ކުރިމަތިނުވާނެކަމަށް ޚަލީލް ވިދާޅުވިއެވެ. ޙަސަން ޚަލީލް ވިދާޅުވީ އަލަށް ތަޢާރަފުކުރާ ޕާސްޕޯޓާއެކު ޕާސްޕޯޓު ހެއްދުމުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ. އަދި ކުރިން ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށްވެސް ޕާސްޕޯޓުގެ މުއްދަތު ހަމަވަންދެން ކުރީގެ ޕާސްޕޯޓް ބޭނުންކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.މި މަހުގެ ތެރޭގައި ތަޢާރަފްކުރައްވާ އާ ޕާސްޕޯޓާއިއެކު އީ-ގޭޓްގެ ޚިދުމަތް ފެއްޓެވުމަށްޓަކައި އީ-ގޭޓްތައް ހަރުކުރުމުގެ މަސައްކަތް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ދަނީ ކުރައްވަމުންނެވެ. (އީ-ގޭޓްތައް ހަރުކުރުމުގެ މަސައްކަތް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކުރިއަށްދަނިކޮށް / ފޮޓޯ: އިމިގްރޭޝަން ޑިޕާޓްމަންޓް)އީ-ގޭޓްގެ ޚިދުމަތާއިއެކު ފަސިންޖަރުން ޕާސްޕޯޓްގައި ތައްގަނޑުޖަހަން އިމިގްރޭޝަން ކައުންޓަރުގައި މަޑުކުރަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ. އީ-ގޭޓްގައި ޕާސްޕޯޓާއި، ބޯޑިން ކާޑު ސްކޭން ކުރުމަށްފަހު އިނގިލީގެ ނިޝާން ޖައްސަންޖެހޭނެއެވެ. އެއާއެކު ގޭޓް ހުޅުވިގެންދާނީ ފަސިންޖަރުގެ މަޢުލޫމާތުތައް މެޝިންގެ އެހީގައި ކަށަވަރު ކުރުމަށްފަހުގައެވެ. މި ޚިދުމަތް ފުރަތަމަ ދޭން ފަށާނީ ދިވެހިންނަށްކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މަޢުލޫމާތުދެއްވައެވެ. މި ޚިދުމަތް ފަށައިގަތުމަށްޓަކައި ޑިޕާޗަރ ގޭޓްގައި އެއް އީ-ގޭޓް އަދި އެރައިވަލްގައި ގޭޓްގައި ދެ އީ-ގޭޓް ހަރުކުރެވިގެންދާނެކަމަށްވެސް އިމިގްރޭޝަނުން ހާމަކުރައްވައެެވެ.