ދިވެހިންނަށް ވިސާއާ ނުލައި، ތުރުކީވިލާތަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ޤާއިމްކުރަން ދެޤައުމުން ނިންމާފައިވާކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރުމަށް އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. އޭގެ ބަދަލުގައި ވިސާ-ފްރީ އެއްބަސްވުމެއް އެކުލަވާލުމަށް ތުރުކީވިލާތަށް ހުށަހެޅުއްވިކަމަށާ، އެކަމަށް ތުރުކީވިލާތުގެ ސަރުކާރުން އެއްބަސްވެ، ވިސާ ނެތި ދިވެހިންނަށް ތުރުކީވިލާތަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރ ޝާހިދު ވަނީ އެކަމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ގިނަ ދާއިރާތަކަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިކަމަށެވެ. އޭގެ ތެރޭގައި ތަޢުލީމާއި، ޒުވާނާނުންނާއި ކުޅިވަރުގެ ދާއިރާއާއި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާއާއި ހައްދުފަހަނައެޅުމާއި ޓެރަރިޒަމް ހުއްޓުވުމުގެ ދާއިރާ ހިމެނޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ ތުރުކީވިލާތާއެކު ސޮއިކުރެއްވި 5 އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވައި އެ އެއްބަސްވުންތަކުން ދިވެހިންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވިދާޅުވެފައެވެ.
ތުރުކީގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ އެޤައުމުގެ މިފަދަ އިސްބޭފުޅަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދުވަނީ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި ތުރުކީވިލާތާ އޮތް ގުޅުން ވަރުގަދަކަން ދޭހަވެގެންދާކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ މެވްލުރު ޝަވްޝަގްލޫ ދެއްކެވި ވާހަކަފުޅުގައި ވަނީ، އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޝަހިދު ހޮވިވަޑައިގަތުން ފާހަގަކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. ރާއްޖެއިން ބޭނުންވާ ހުރިހާ ދާއިރާއަކުންވެސް ތުރުކީވިލާތުން އެހީތެރުވުމަށް ތައްޔާރަށް އޮތްކަމަށް މިނިސްޓަރ މެވްލުރު ޝަވްޝަގްލޫ ވަނީ ހާމަކުރައްވާފައެވެ. ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ ވަނީ އެޤައުމުގެ ވިޔަފާރިތަކުންނާއި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝަޢުގުހުރިކަން ފާހަގަކުރައްވައި އެކަމަށް އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ތުރުކީވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށްވެސް ހުށަހެޅުއްވިއެވެ.
ތުރުކީގެ ފޮރިން މިނިސްޓަރ ވަނީ ތުރުކީގެ ރައްޔިތުންގެ މެދުގައި ރައްޖެއަކީ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއަށް ދަތުރުކުރާ ޓަރކިޝް އެއަލައިންގެ ހަފްތާއަކުކުރާ ދަތުރުތައް 14 ފްލައިޓަށް ސެޕްޓެމްބަރު މަހު އިތުރުވާނެކަމަށްވެސް ވިދާޅުވެފައެވެ.
ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ ފޮރިިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މިއީ ދިވެހިރާއްޖެއާއި ތުރުކީއާއި ސިޔާސީ ގުޅުން ޤާއިމްކުރިފަހުން މިވީ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރަސްމީ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.