އަށްޑިހައިގެ ކުރީކޮޅު ޔޫއޭއީގައި ޚިދުމަތް ދޭން ފެށީ ގަލްފް ކްރާފްޓް ކުންފުނި ރާއްޖޭގައި އޮޕަރޭޓްކުރަން ފަށާފައިވަނީ މީގެ 20 އަހަރު ކުރީންނެވެ. ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނައި ގަލްފް ކްރާފްޓް ކުންފުނި، 20 އަހަރުދުވަހުގެ ތެރޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވެއެވެ. ރާއްޖޭގައި އެންމެ ފުޅާކޮށް މި ސިނާޢަތުގައި ހަރަކާތްތެރިވަނީވެސް އެކުންފުންޏެވެ.
ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގެ ބޯޓު ބަނުމުގެ ސިނާޢަތުގައި އަދާކޮށްފައިވާ ރޯލު އެންމެބޮޑަށް ހެކި ދެނީ، ރާއްޖޭގައި މިވަގުތު ބޭނުން ކުރަމުންދާ %80 ކަނޑު އުޅަނދުފަހަރަކީ އެކުންފުނީގެ އުފެއްދުންތަކަށް ވުމެވެ. މީގެ ތެރޭގައި އެމްބިއުންލާސްގެ ގޮތުގައި ބޭނުންކުރާ ފެރީ ލޯންޗު އަދި ކޯސްޓު ގާޑުގައި ބޭނުން ކުރާ ބައެއް ބޯޓުތަކާއި، ރިސޯޓުތަކުގައި ބޭނުންކުރާ އުޅަނދުތައް ހިމެނެއެވެ.
އެކުންފުނިން ހާމަކުރިގޮތުގައި، މިދިޔަ އަހަރު އެމްޓީސީސީގެ ޕްރޮޖެކްޓެއްގެ ގޮތުގައި، ޤައުމީ ފެރީގެ ޚިދުމަތުގެ ބޯޓުތައް އުފެއްދުމަށް އެކުންފުންޏަށް ފުރުސަތު ލިބިގެން ދިއުމަކީ އެކުންފުންޏަށް ލިބުނު ކާމިޔާބީއެކެވެ. އެގޮތުން 53 މީހުންގެ ޖާގައިގެ ބޯޓުތައް އެކުންފުނިން ބަންނައިރު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ފުރޮޅުލީ ގޮނޑީގައި ފަސޭހައިން އެރުވޭނެ އިންތިޒާމު މި ބޯޓުތަކުގައި ހުންނާނެނެވެ. މިމަޝްރޫޢު ނިމިގެންދާއިރު އެމްޓީސީސީގެ ފެރީތަކާއެކު ރާއްޖެ ގުޅުވާލެވިގެންދާނެއެވެ. އަދި މިފަދަ ބިޔަ މަޝްރޫޢެއްގައި ހިއްސާވުން އެކުންފުނިން އުފަލާއިއެކު ފާހަގަކުރެއެވެ.
އެކުންފުނިން މިހާރުވެސް އެކުންފުނީގެ އުފެއްދުންތެރިކަން ފުޅާ ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުންފުނީގެ ގަލްފް ލެގޫން މަޝްރޫޢަކީ ރާއްޖޭގައި އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާ ކުރުމަށް މުހިންމު މަޝްރޫއެކެވެ. މިގޮތުން ކުންފުނިން ތައްޔާރުކުރަމުންދާ އައު ޝިޕްޔާޑާއި އެކު ކުންފުނީގެ އުފެއްދުންތެރިކަން ކުރިއަށް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި 2 ގުނަ އިތުރުވެގެންދާނެއެވެ. މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅަނދުތައް އުފެއްދުމަށް ގާއިމު ކުރެވޭނެ ފެސިލިޓީއެއް ކަމަށް ގަލްފް ކްރާފްޓުން ބުނެއެވެ.
މީގެއިތުރުން ގަލްފް ލޭގޫން މަޝްރޫޢުގެ ތެރެއިން، މެރިޓައިމް ސްކޫލަކާއި ދަތުރުވެރިންނާއި ލިވަބޯޑަށް ހާއްސަ ކުރެވިގެން މެރިނާއެއް ޤާޢިމު ކުރާޏެއެވެ. އެކުންފުނީގެ މެރިޓައިމް ސްކޫލަކީ ބޯޓު ކުރޫންނާއި ކެޕްޓަނުން ތަމްރީނުކޮށް ރައްޖޭގައި ވަޒީފާގެ މާޙައުލު ފޫޅާ ކުރުމަށް ހިންގާނެ ސްކޫލެކެވެ.
އެކުންފުނީގެ ޗެއާމަން މުހައްމަދު ހުސެއިން އަލްޝާލީ ވިދާޅުވި ގޮތުގައި ފާއިތުވި 20 އަހަރު ޤައުމުގެ ބިނާކުރުމުގެ މަޝްރޫޢުތައް ސަރުކާރުން އެކުންފުންޏާއި ހަވާލުކުރުމަކީ ސަރުކާރާއި ރައްޔިތުންގެ އިތުބާރު ކުންފުންޏަށް އޮތް މިންވަރު އެނގިގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދައިރާ ތަރައްޤީ ކުރުމަށް އަދި ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށް އެކުންފުނީގެ އައު ފެސިލިޓީއާއެކު މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއަކީ އަޅުގަނޑުމެންގެ ފުރަތަމަ ބައިނަލްއަޤްވާމީ މަންޒިލް، ކަނޑާއި ފަތުރުވެރިކަމުގެ ސިނާޢަތައް ރާއްޖެއިން ލިބޭ ފުރުސަތުތަކުގެ ބޭނުން ކޮށްގެން، އިން-ކަންޓްރީ ކޮމްޕިޓެންސީޒް ބިލްޑް ކޮށްފައި އޮތް ތަނެއް. އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ކެޕޭސިޓީ ދެގުނައަށް އިތުރުވެ، އަލަށް މި ހުޅުވިގެންދިޔަ ޓްރެއިނިންގ ފެސިލިޓީއާއެކު، ވަޒީފާގެ އާ ފުރުޞަތުތައް ތަނަވަސްވެ، ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ގޮސް، އާންމު މުޖްތަމަޢަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން " މުހައްމަދު ހުސައިން އަލްޝާލީ ވިދާޅުވިއެވެ.
ގަލްފް ކްރާފްޓް ކުންފުންޏަކީ އަށްޑިހައިގެ ކުރީކޮޅު ޔޫއޭއީގައި އުފެދިގެން އައި ކުންފުންޏެކެވެ. އެކުންފުނިން ރާއްޖޭގައި އޮޕަރޭޓް ކުރާތާ 20 އަހަރުވީއިރު، 100،000 އަކަފޫޓުގެ ބޯޓް ޔާޑެއްގައި އަހަރެއްގެ މައްޗަށް 200 ބޯޓު އެކުންފުނިން މިހާރު ބަނދެއެވެ. އަދި މިހާތަނަށް 10،000 އަށް ވުރެ ގިނަ އުޅަނދު ދުނިޔޭގެ އެކި ސަރަހައްދުތަކަށް އެކުންފުނިން ވަނީ ފޯރުކޮށްދީފައެވެ.