4 ވަނަ ރާޅާއިއެކު ރާއްޖޭގެ ކޭސްތައް އިތުރުވަމުންދާ މިދުވަސްވަރު، ވިސްނުން ހުރީ ކޯވިޑް ބައްޔާއެކު ދިރިއުޅުމަށްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ އެޕިޑަމިލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިވަގުތު އެންމެ ހަރުކަށި ފިޔަވަޅުތައް ނޭޅި ކަމުގައިވީ ނަމަވެސް ކުރިއަށްއޮތްތާނގައި އެފަދަ ފިޔަވަޅުތައް އެޅުން އެކަށީގެންވާކަމަށެވެ.
"ކުރިއަށްއޮތްތާނގައި އަޅާނެ ފިޔަވަޅެއް މިވަގުތަކު ނާޅާނޭ ބުނެވޭކަށް ނޯންނާނެ. އެއަކީ އެހާލަތަށް އައީމަ އެކަންތައްވެސް ކުރާނެ. އެހެންވީމަ އަޅުގަނޑު ނުދަންނަވާނަން މޮނިޓަރިންގ ހާލަތަކަށް ނުލެވޭނެއެކޭވެސް. އެކަމުގެ ފުރުސަތުވެސް އޮންނާނެ. އެހެންނަމަވެސް މިހާރު އެންމެ ފަހުގެ ނިންމުންތަކުގައި އެފަދަ ފިޔަވަޅެއް ނެތް" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އޮމިކްރޯން ވޭރިއަންޓް ރާއްޖޭގައި ފެތުރެމުންދާއިރު ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން މިހާތަނަށް އޮމިކްރޯންގެ 125 ކޭސް ފެނިފައިވާކަމަށެވެ.
"މީގެންވެސް އަޅުގަނޑުމެންނަށް މި ދޭހަވަނީ އޮމިކްރޯން ފެތުރިގެންދާ ހަލުއިމިނާއި އެހެން ސްޓްރެއިންތައް އޯވާޓޭކް ކުރަމުންދާކަން" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދާއިރު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ސާމްޕަލް ނެގުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ނުލިބުމެވެ. އެގޮތުން ކިޔޫގައި ގިނަ ވަގުތުތަކެއްގައި މަޑުކުރަން ޖެހުމަކީ މިކަމުގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް ދަތިކަމެވެ. އެކަމަށް ހައްލެއްގެ ގޮތުން އިތުރު ސާމްޕަލް ސެންޓަރެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެ ސަރަޙައްދުން ހެންވޭރު ފުޓްބޯޅަ ދަނޑުން ސާމްޕަލް ނެގުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ކޯވިޑް ފެސިލިޓީތަކަށް ބަލާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 36 މީހަކަށް މިވަގުތު ދަނީ ފަރުވާދެމުންނެވެ. ޑީ.އެޗް 16 ގައި 9 މީހަކަށް ފަރުވާދެމުންދާއިރު އައްޑޫ އަދި ބ.އަތޮޅު ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާދެމުންނެވެ. މިއާއެކު ޖުމްލަ 46 މީހަކަށް ކޯވިޑް ފެސިލިޓީތަކުގައި ދަނީ ފަރުވާދެމުންނެވެ.
އެޗްއީއޯސީން ކޮންމެ ދުވަހަކުވެސް މިހާރު އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ދަނީ މަޝްވަރާކުރަމުންނެވެ. އަދި ކޭސްތައް ކުރިއަށްދާ ގޮތަށް ބަލާ ކޮންމެ ދުވަހަކުވެސް ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވެއެވެ.