ޚަބަރު

ކާޑެއްދޫ އެއަރޕޯޓު ވިލާ އެއަރއާ އަންނަމަހު ހަވާލުކުރަނީ


ސުޕްރީމް ކޯޓްގެ ޙުކުމާއި އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއަރ ކުންފުންޏަށް ކާޑެއްދޫ އެއަރޕޯޓް ހިންގަން 50 އަހަރަށް 2013 ވަނަ އަހަރު ދީފައިވަނިކޮށް އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ. އެއްބަސްވުން ބާތިލުކޮށް އެއަރޕޯޓް އަތުލަން ސަރުކާރުން ދެއްކި ސަބަބަކީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް ހިންގާކަމަށް ބުނެއެވެ.

ކޯޓުގެ މި ނިންމުމާއެކު ވިލާ އެއަރއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއަރއާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއަރޕޯޓް ވިލާއާއި ހަވާލުކުރުމަށް ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.

ދަށުކޯޓްގެ ނިންމުންތައް ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. މި މައްސަލަ ނިންމާ ސުޕްރީމްކޯޓުން ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެނިންމުންތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އޭގެފަހުން 8 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް މިހާތަނަށް ވިލާ އެއަރއާއި އެއަރޕޯޓް ހަވާލުކޮށްފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ސުޕްރީމް ކޯޓްގެ ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއަރޕޯޓް ވިލާ އެއަރއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމުގެ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި ކާޑެއްދޫ އެއރޕޯޓް ވިލާ އެއަރއާއި ހަވާލުކުރެވޭނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

ކާޑެއްދޫ އެއަރޕޯޓް މިހާރު ހިންގަމުން އަންނަނީ ރީޖަނަލް އެއަރޕޯޓްސް އިންނެވެ. ކާޑެއްދޫ އެއަރޕޯޓްގެ ހާލަތު ދަށަށްދާކަމުގެ ޝަކުވާ ގިނަވެފައިވަނިކޮށް،
އެ އެއަރޕޯޓަށް މީހުން އަރާ ފޭބުމަށް ބޭނުންކުރަމުން އައި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް ވަނީ ވެއްޓިފައެވެ. އެމްޓީސީސީން މިހާރު ދަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.