ޚަބަރު

ހައިކޯޓްގެ ތާރީޚްގައި އެންމެ ގިނަ މައްސަލަ ނިންމި އަހަރަކަށް މިދިޔަ އަހަރު


ހައިކޯޓުގެ ތާރީހުގައިވެސް އެކޯޓުން އެންމެ ގިނަ މައްސަލަ ނިންމި އަހަރަކަށް މިިދިޔަ އަހަރު ވެއްޖެއެވެ.

ހައިކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެކޯޓަށް ހުށަހެޅި 835 މައްސަލައިގެ ތެރެއިން 672 މައްސަލަ ވަނީ ނިންމާފައެވެ. މިދިޔަ އަހަރު އެންމެ ގިނައިން ނިންމި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ނިންމާފައިވަނީ ޖިނާއީ މައްސަލަތަކެވެ. ޖިނާއީ މައްސަލަ ތަކުގެ 214 މައްސަލަ ވަނީ ނިންމާފައެވެ. މަދަނީ 325 މައްސަލަ ނިންމާފައިވާއިރު އާއިލީ މައްސަލަތަކުގެ 18 މައްސަލަ ނިންމާފައިވެއެވެ.

މީގެ އިތުރުން ދެން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ވަޒީފާއާއި ގުޅުންހުރި 67 މައްސަލަ، ތަހުވީލުގެ 4 މައްސަލަ، ދުސްތޫރީ 5 މައްސަލަ، މިނޮކޮން 6 މައްސަލަ، ޓެކްސްގެ 22 މައްސަލަ، އިންތިޚާބީ 7 މައްސަލަ، ނިހާއީ 7 މައްސަލަ އަދި އިންފޮމޭޝަން 1 މައްސަލަ ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމާފައިވަނީ މާޗް މަހުގެ ތެރޭގައެވެ. އެމަހު ވަނީ 100 މައްސަލަ ނިންމާފައެވެ. މިދިޔަ އަހަރު ގިނަ މަސްމަހުގައި އެވްރެޖުކޮށް ކޮންމެ މަހަކުވެސް 30 އަށްވުރެ މަތިން މައްސަލަތައް ނިންމާފައިވެއެވެ.

މިދިޔަ އަަހަރު ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ޖުމްލަ އަދަދަކީ 835 އެވެ. މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މައްސަލަ ހުށަހަޅާފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ. އެމަހު ވަނީ 104 މައްސަލަ ހުށަހަޅާފައެެވެ. މިދިޔަ އަހަރު އެންމެ މަދުން މައްސަލަ ހުށަހެޅީ ޖުލައި މަހުގެ ތެރޭގައެވެ. އެމަހުގައި ހުށަހަޅާފައިވަނީ 30 މައްސަލައެވެ. އެހެން މަސްތަކުގައި އެވްރެޖުކޮށް 50 އަށްވުރެ މަތިން މައްސަލަ ހުށަހަޅާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ރަޖިސްޓްރީ މައްސަލަތަކުގެ އަދަދަކީ 625 އެވެ. އެންމެ ގިނަ އަދަދަކަށް މައްސަލަތައް ރަޖިސްޓްރީކުރެވުނު މަހަކީ ސެޕްޓެމްބަރު މަހެވެ. އެމަހުގައި 85 މައްސަލަ ވަނީ ރަޖިސްޓްރީކޮށްފައެވެ.

ހައިކޯޓުގައި ނުނިމި ޕެންޑިންގައި ހުރި މައްސަލަތަކަށް ބަލާއިރު، 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް ހުރި މައްސަލަތަކުގެ ތެރެއިން 679 މައްސަލައެއް ނުނިމިވެއެވެ. އޭގެ ތޭރޭގައި ހިމެނެނެނީ، 2017 ވަނަ އަހަރުގެ 2 މައްސަލައާއި، 2018 ވަނަ އަހަރުގެ 21 މައްސަލަ އާއި، 2019 ވަނަ އަަހަރުގެ 186 މައްސަލައާއި، 2020 ވަނަ އަހަރުގެ 141 މައްސަލައިގެ އިތުރުން މިދިޔަ 2021 ވަނަ އަހަރުގެ 329 މައްސަލައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.