ޚަބަރު

ތުޅާދޫގައި އަޅާ 100 ހައުސިން ޔުނިޓް ދޫކުރާނެ އުސޫލު މިމަހު ފައިނަލްކުރެވޭނެ


ސަރުކާރުން ތުޅާދޫގައި ހަދާ 100 ހައުސިން ޔުނިޓް ދޫކުރާނެ އުސޫލް މިމަސްތެރޭ ފައިނަލް ކުރެވޭނެ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. ކައުންސިލް ހިމެނޭހެން ރަށުން އެކުލަވާލާފައިވާ ސްޓިއަރިން ކޮމިޓީގެ ޗެއަރޕާސަން ތުޅާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އުސޫލު އެކުލަވާލުމުގެ މަސައްކަތް ފައިނަލް ކުރުމަށްފަހު އަންނަ މަހު ފެށޭ ހިސާބުގައި ޕްލޭނިން މިނިސްޓްރީއަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށެވެ.

ތުޅާދޫގައި ހަދާ 100 ހައުސިން ޔުނިޓް ދޫކުރާނެ އުސޫލުގައިވާ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށުގައި ދިރިއުޅޭ ގެދޮރުވެރިކަން ނެތް ބޮޑެތި އާއިލާތަކަށް ކަމަށް އެރަށު ކައުންސިލްގެ ރައީސް އިބްރާޙިމް އާދިލް ވިދާޅުވިއެވެ. އަދި އަލަށް ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް މީގެތެރެއިން 8 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

"މިވަގުތަށް އެމަސައްކަތް އޮތީ މަޑުޖައްސާލާފަ. އެއީ ސްކޫލް ބަންދުވެ ޗުއްޓީވުމާ ގުޅިގެން ކޮމެޓީގެ ގިނަ މެންބަރުތަކެއް ޒަރޫރީ ބޭނުންތަކަށް ރަށުން ބޭރަށް ފުރުމާގުޅިގެން. އެކަމަކު އަންނަ ހަފްތާތެރޭގައި އަލުން މަސައްކަތް ފެށުމަށް މިދަނީ ތައްޔާރުވަމުން" ތުޅާދޫ ކައުންސިލްގެ ރައީސް އާދިލް ވިދާޅުވިއެވެ.

މީގެކުރިން ތުޅާދޫގައި ސަރުކާރުން ހެދި 50 ހައުސިން ޔުނިޓްތަކުގެ ތެރެއިން 5 ޔުނިޓުވަނީ ރަށުގައި ދިރިއުޅޭ ރަށުން ބޭރު ފަރާތްތަކަށް ދޫކޮށްފައެެވެ.

މިސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތުޅާދޫގައި އަޅާ 100 ހައުސިން ޔުނިޓްގެ މަސައްކަތް 2019 ވަނައަހަރު ފެށިއިރު މިހާތަނަށް 92 ގެއެއްގެ ފައުންޑޭޝަން މަސައްކަތްވަނީ ނިމިފައެވެ. އަދި 72 ގެއެއް ރާނާ ނިމިފައި ހުރިއިރު ހިޔާކުރުމުގެ މަސައްކަތާ ވަށާފާރު ރޭނުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން 11 ގެއެއްގެ ފިނިޝިން މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މަސައްކަތް މިހާރު ދާ ސްޕީޑަށް ބަލާނަމަ މިއަހަރުގެ މެދެއްހާ ހިސާބުގައި މިގެތަކުގެ މަސައްކަތް ނިންމާ، މިއަހަރުގެ ފަހުކޮޅު ގެތައް ހަވާލުކުރެވޭވަރުވާނެ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.

1600 އަކަފޫޓްގެ ބިމެއްގައި ހަދާ މިހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރިއާއި ތިން ފާޚާނާ، އަދި ބަދިގެއަކާއި ސިޓިންރޫމެއްގެ އިތުރުން ލޯންޑްރީއެއްވެސް ހުންނާނެއެވެ.

ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމަށް ހައްލު ގެނައުމުގެ ގޮތުން 2010ވަނަ އަހަރު އެރަށު ބިމަށް 17 ހެކްޓަރުގެ ބިންވަނީ ހިއްކައިގެން އިތުރުކޮށްފައެވެ. މިހާރު ހައުސިން ޔުނިޓްތައް ހަދަނީ ހިއްކާފައި އޮތް ސަރަހައްދުގައެވެ.

3000އަށް ވުރެބޮޑު އާބާދީއެއް އޮންނަ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން 2012ވަނަ އަހަރު އެރަށުގައި ހަދަންފެށި 100 ހައުސިން ޔުނިޓްގެ ތެރެއިން 50 ޔުނިޓުގެ މަސައްކަތް ނިންމައި 2020ވަނަ އަހަރު އެ 50 ޔުނިޓްވަނީ އެރަށުން ބޯހިޔާވަހި ކަމަށް އެންމެ ބޮޑަށްބޭނުންވާ ފަރާތްތަކަށް ދޫކޮށްފައެވެ.

މިހާރު މިހަދާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމުން ބޯހިޔާވަހިކަމަށް ދިމާވެފައި އޮތް ގޮންޖެހުމަށް ހައްލު ލިބިގެންދާނެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.