ޚަބަރު

ޕޮޒިޓިވްވާ މީހުން ކަރަންޓީންވާ މުއްދަތު 7 ދުވަހަށް ކުރުކޮށްފި


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފިއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންނާއި، ކޮންޓެކްޓުވާ މީހުން ކަރަންޓީންވާންޖެހޭ މުއްދަތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލުތަކާއިއެކު މިހާރު ކޯވިޑަށް ޕޮޒިޓިވްވާ މީހާ އެކަހެރިވާން ޖެހެނީ ކޯވިޑަށް ޕޮޒިޓިވްވާ ސަމްޕަލް ލިބޭތާ 7 ދުވަހުގެ މުއްދަތަކަށެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން ބަލީގެ ޢަލާމާތް ހުރި މީހުންގެ ކަރަންޓީނުގެ މުއްދަތު ނިމޭނީ 7 ދުވަސްފަހުން ނެގޭ ސަމްޕަލްގެ ނަތީޖާ ނެގެޓިވްވުމުންނެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން ޕޮޒިޓިވްވާ މީހާ ކަރަންޓީންވާ ޖެހޭ މުއްދަތަކީ 14 ދުވަހެއެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 7 ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވުމުންނެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން ދިހަ ދުވަހުގެ މުއްދަކަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ ޢަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.

މިހެން ކަނޑައަޅާފައި ވީނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކުރެވޭނެކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. ކޯވިޑް-19 ވެކްސިން ފުރިހަމަނުވާ ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވާ މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުންކަމަށް ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ކޯވިޑްގެ ޢަލާމަތްތައް ހުންނަނަމަ، ކޮންމެ މީހަކުވެސް ޓެސްޓު ހަދަން ޖެހޭނެއެވެ. ކުރިއެކޭވެސް އެއްގޮތަށް، ބައްޔަށް ޕޮޒިޓިވް މީހަކާއެކު ކަރަންޓީންގައި ހުރިނަމަ އެފަދަ ގްރޫޕެއްގެ އެންމެން ބަލިން ރަނގަޅުވަންދެން ކަރަންޓީނުގައި މަޑުކުރަން ޖެހޭނެއެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވަމުންދާތީ އެޗްޕީއޭއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.