ޚަބަރު

އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ


ވ.އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުޢާމަލާތާ ގުޅޭ ފައިސާ ލޯންޑަރކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފިއެވެ.

މާދަމާ މިއަޑުއެހުން ބޭއްވުމަށް ތާވަލު ކޮށްފައިވަނީ ހެނދުނު 9:30އަށެވެ. އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށީ މިމަހުގެ ދެވަނަ ދުވަހުއެވެ. އެދުވަހު ކުރިއަށް ގެންގޮސްފައިވަނީ ހައްގުތައް ކަށަވަރުކުރުމުގެ ބައެވެ. އެދުވަހު ބައެއް ލިޔެކިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގަތީ އެ ދުވަހު ކަމަށްވުމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ކޯޓުގައި ވިދާޅުވީ ލިޔުންތައް ބަލައި ދިރާސާކުރަން އެކަށީގެންވާ ވަގުތު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ މާދަމާ އަދި މިމަހުގެ 27ވަނަ ދުވަހުގެ ހެނދުނު 9:30ގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށެވެ.

އާރަށުގެ މައްސަލައިގެ އިތުރުން ރ.ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.