ރާއްޖެއާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް 5 އެއްބަސްވުމެއްގައި މިއަދު ސޮއިކުރާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބާއްވަވާ ދެޤައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހުއެވެ. އަދި ދެޤައުމުގެ ދެމެދުގައި ބާއްވަވާ ރަސްމީ މަޝްވަރާތަކުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ 5 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުން އެކުލަވާލާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. އޭގެތެރޭގައި ސިއްޙީ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި، ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ އިތުރުންވެސް އެހެން ބައެއް އެއްބަސްވުންތައް ހިމެނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޗައިނާގެ ފޮރިންގ މިނިސްޓަރ ވާންގް ޔީއާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. އިންސާނީ ވަޞީލަތާއި ޢުމްރާނީ ތަރައްޤީއާއި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ރާއްޖެއަށް އަބަދުވެސް ޗައިނާގެ އެހީ ރާއްޖެއަށް އަންނަނީ ލިބެމުންނެވެ. މިއަހަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1972 ވަނަ އަހަރުއެވެ.