ކުޅިވަރު

އާސެނަލް މެޗު ފަސްކުރަން ލިވަޕޫލްގެ ހުށަހެޅުމެއް


އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި މާދަމާރޭ އާސެނަލްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ލިވަޕޫލުން ހުށަހަޅައިފިއެވެ.

އެންމެ ފަހުން މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅެން އޮތް މެޗުގެ ކުރިން އެޓީމުގެ ތިންކުޅުންތެރިން ވަނީ ކޯވިޑަށް ޕޮސިޓިވްވެފައެވެ. އެޓީމުން ޕޮޒިޓިވް ވި ތިން ކުޅުންތެރިންނަކީ ގޯލްކީޕަރު އެލިސަން ބެކާ، ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ކޮވިޑަށް ޕޮޒިޓިވްވިއެވެ. އޭގެ ދެ ދުވަސް ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ. ކޮވިޑާއި އަނިޔާގެ މައްސަލަތައް އަދި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސަބަބުން ލިވަޕޫލްގެ ގިނަ ކުޅުންތެރިންތަކެއް ތިބީ ކުޅުމާ ދުރުގައެވެ.

އިއްޔެ ހާލަތު އިތުރަށް ގޯސްވެ، ޓްރެއިނިންތައް ވެސް ހުއްޓާލަން ޖެހިފައިވާތީ ލިވަޕޫލުން ވަނީ ރަސްމީކޮށް އާސެނަލް ދަނޑުގައި މާދަމާރޭ ކުޅެން އޮތް ލީގު ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގު ފަސްކުރަން ހުށަހަޅައިފައެވެ. އިއްޔެ، ލިވަޕޫލްގެ ޓްރެއިނިން ކެންސަލްކުރީ ކްލަބްގެ ސްޓާފުންގެ ބަޔަކާއި ބައެއް ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެއެވެ. ލިވަޕޫލުން މެޗު ފަސްކުރަން ހުށަހެޅީ އެ ކްލަބްގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އިއްޔެ ޓީމުގެ ޓްރެއިނިން ވެސް ކެންސަލްކޮށްލަން ޖެހުމުންނެވެ.

ލިވަޕޫލުން ރޭ ފޮނުވި ހުށަހެޅުމާ ބެހޭގޮތުން ލަސްވެެގެން މިއަދު އީއެފްއެލް އިން ގޮތެއް ނިންމާނެއެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އީއެފްއެލްއިން މެޗު ކުރިއަށްގެންދާ ގޮތަށް ނިންމުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ އިތުރަށް މެޗުތައް ފަސްކޮށްފިނަމަ މެޗު ކުޅެން ރަނގަޅު ތާރީހެއް ކައިރި މުސްތަގުބަލެއްގައި ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

އީއެފްއެލްއިން ބުނީ ރަސްމީކޮށް ލިވަޕޫލްގެ ހުށަހެޅުމާ ބެހޭގޮތުން ގޮތެއް ނިންމާނީ ކްލަބްގެ ހާލަތު ވަރަށް ގާތުން ބެލުމަށް ފަހު، މުބާރާތުގެ ގަވާއިދުގައިވާ ހުރިހާ ކަމަކަށް ވެސް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.