ޚަބަރު

ޑިޕާޗަރ ޓެކްސް ނަގަން ފަށައިފި


އެއަރޕޯޓް ސަރވިސް ޗާޖު އުވާލައި ޑިޕާޗަރ ޓެކްސް ނަގަން ފަށައިފިއެވެ. މި ޓެކްސް ނަގަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ. ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގު ކުރެއްވީ މިދިޔަ ޖުލައި މަހުއެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓްތަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ޤާނޫނު ކުރިން އޮތް ގޮތުން އެއަރޕޯޓުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ނަގަނީ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީން ފަސިންޖަރެއްގެ އަތުން 25 ޑޮލަރެވެ. ނަމަވެސް މިއަހަރުން ފެށިގެން ޑިޕާޗަރ ޓެކްސް ނަގަން ފެށުމާއިއެކު ދެން ޓެކްސް ނަގާނީ އެމީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގައެވެ.

އެގޮތުން މިހާރު ބޮޑުވެގެން ދާނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ފީ އާއި ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ މުއްސަނދިންގެ އަތުން ނަގާ ފީއެވެ. ނަމަވެސް އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިންގެ އަތުން ފީނަގާނީ ކުރިންވެސް ނަގަމުން އައި މިންވަރަށެވެ.

ޑިޕާޗަރ ޓެކްސް ނަގާނީ އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީންގެ އަތުން ނަގާނީ 60 ޑޮލަރެވެ. މީގެ އިތުރުން ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނަގާއިރު ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނަގާނެއެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެއެވެ. ޑިޕާޗރ ޓެކްސްގެ އިތުރުން ކުރިން ނަގަމުންދިޔަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް މިމަހުގެ 1ވަނަ ދުވަހުން ފެށިގެން ވަނީ އިތުރުކޮށްފައެވެ.

ޑިޕާޗަރ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނަގާނެ ފީގެ ޢަދަދު

  • އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
  • ބިޒްނަސް ކްލާސް: ދިވެހިން - 120 ޑޮލަރު / ބިދޭސީން - 120 ޑޮލަރު
  • ފަސްޓް ކްލާސް: ދިވެހިން - 180 ޑޮލަރު / ބިދޭސީން - 180 ޑޮލަރު
  • ޕްރައިވެޓް ޖެޓް: ދިވެހިން - 240 ޑޮލަރު / ބިދޭސީން - 240 ޑޮލަރު

ސަރުކާރުން ވިދާޅުވީ މިއީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ޤާބިލުކަން ހުރި ތަނަވަސް ފަރާތްތަކުގެ އަތުން ނަގާ ފީ ބޮޑުކޮށް، ދައުލަތަށް އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކެއްކަމަށެވެ.